ވެރިކަން ކުރާ އެމްޑީޕީގެ އެތައް އާންމު މެމްބަރުންނެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ "ނަފްރަތު" ބިލާއި ދެކޮޅުކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށައަޅައްވާފައިވާ ބިލާއިމެދު އާންމުރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިހާތަނަށް މިބިލާއި ދެކޮޅުކަން ހާމަކޮށް ރާއްޖޭގެ 80 އަށްވުރެ ގިނަ ކައުންސިލްތަކުން ވަނީ ބަޔާންވެސް ނެރެފައެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތައްވެސް ހިމެނެއެވެ.
މިބިލާއި ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުންވެސް ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މިބިލާއިމެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި މިބިލް ނެގުމުގެ ވިސްނުމެއްވެސް ގެންގުޅެފައިނުވެއެވެ. މިބިލް މަޖިލީހަށް ހުށަހަޅާފައިވަނީ އިސްލާމިކް މިނިސްޓްރީއާއި، ސަރުކާރުގެ ކަމާއި ގުޅުންހުރި އެހެނިހެން އިދާރާތަކާއިވެސް މަޝްވަރާ ކުރުމެއް ނެތިކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަޅުގަނޑު ދަންނަ އެމްޑީޕީގެ އެތައް ޢާންމު މެންބަރުންނެއް ވެސް ނަފްރަތު ބިލާ ދެކޮޅު. އެމީހުންބުނަނީ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފަށް އޮތް މިބިލަށް އެޕާޓީއަށް ނިސްބަތްވާ މަދު ބަޔަކު ތާއީދުކުރިޔަސް އެމީހުން މިކަމަށް ދެކޮޅު ހަދާކަމަށް. އަޅުގަނޑު މިބޭފުޅުންނަށް ޝުކުރު ދަންނަވަން.
– އަލީ ޒައިދު ވިދާޅުވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އެ ބިލަށް އާންމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުޞަތު އަންނަ އަންގާރަ ދުވަހުގެ މެންދުރު 12:00އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން ޖުޑީޝަރީ ކޮމިޓީގެ މެއިލް [email protected]އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށައެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ޢާންމުންގެ ޚިޔާލު ހޯދުމަށްފަހު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް ނިންމުމަށް ވަނީ ކަނޑައަޅަފައެވެ.
މަޖިލީހަށް ހިސާން ހުށައެޅުވި ބިލާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާއްމުންވެސް ދަނީ މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިލާއި މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ. އަދި މިކަމުގައި ސަބަބުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސް އެޅުމާއި، އިޖުތިމާޢީ ޙާލަތު އިތުރަށް ގޯސްވެ ޞުލްޙަ މަސަލަސްކަން ގެއްލިދާނެ ބައެއް ކަންކަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
މި ބިލު ޙުށަހަޅުއްވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ މި ބިލް ހުށައެޅުއްވީ ރާއްޖޭގައި އިސްލާމްދީން ނައްތާލައި ޣައިރު ދީންތަކަށް މަގުފަހިކުރަންކަމަށް ބުނެ ދައްކަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.
ކޮމެންޓު ފޮނުވާ