ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް: އަލީ ހުސެއިން

ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް: އަލީ ހުސެއިން

Author
މުޙައްމަދު ޝަޒައިމް
18 ޖޫން 2021 09:11
0

ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހުށައެޅުމަށް ސަރުކާރުގެ ފަރާތުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ޤާނޫނު އަސާސީން ޚިޔާލު ފާޅުކުރުމަކީ އެއްވެސް ހުރަހެއްނެތި ލިބިދީފައިވާ ހައްގަކަށްވާއިރު އެހައްގު ހަނިވާގޮތަށް މީގެ ކުރިން އެކި ސަރުކާރުތަކުން އަމަލު ކުރުމުން އެކަމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާކު ކުރި އެއްބަޔަކީ މިއަދު ވެރިކަން ކުރަމުންދާ އެމްޑީޕީއެވެ.

ނަމަވެސް އެމްޑީޕީން ވަނީ ވެރިކަމަށް އައުމަށްފަހު މިފަދަ ބައެއްކަންކަން ހަނިވާގޮތަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިކަންކަމާއި ގުޅިގެން އަލީ ހުސެއިން ވިދާޅުވީ ޚިޔާލު ފާޅު ކުރުމުގެ އެއްވެސް މިންވަރެއް ދޫކޮށްލައިފިނަމަ އެކަމަކީ އެއީ އިންތިހާއަށް ހިތާމަ ކުރަންޖެހޭ ކަމެއްކަމަށެވެ. ޤާނޫނު އަސާސީން މަތިކޮށްފައިވާ ހައްގުތައް ހަނިކުރާއިރު، މިކަންކަމަކީ ނުހަނު ވިސްނާލަންޖެހޭ ކަންތައްތަކެއް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފިނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަންޖެހިދާނެ. ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން.

– އަލީ ހުސެއިން ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ރޭ ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ސަރުކާރުން ގަސްތުދުކޮށްފައިވާ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ އާންމު ގަވާއިދުތަކާބެހޭ ގާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އަށް ބާރު ލިބިދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަށްޓަކައި އެކުލަވާލާ ބިލެއް ކަމަށެވެ.

ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގައި ހިމެނޭ އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދަކީ، މިހާރުވެސް ތަންފީޒު ކުރެވެމުންދާ ގަވާއިދެއް ކަމަށާ އެ ގަވާއިދު ހިމެނޭގޮތުން ގާނޫނުގެ ޖަދުވަލު 1 އާއި 2 ގައި ހިމެނޭ އެންމެހައި ގަވާއިދުތަކަކީ އެއަށް ބެލެނިވެރިކަން ލިބިދޭ ޤާނޫނެއް ވުޖޫދަށް އަންނަންދެން، އެ ޤާނޫނުގެ ދަށުން ބާރު ލިބިދޭންޖެހޭ، އެއަށް ޢަމަލުކުރުމުގެ މުއްދަތެއް ކަނޑައެޅިފައިވާ ގަވާއިދުތަކެއް ކަމަަށެވެ. މި ބިލު އެކުލަވާލުމަށް ނިންމާފައިވަނީ، ޤާނޫނުގެ ޖަދުވަލު 2 ގައި ހިމެނޭ ގަވާއިދުގެ މުއްދަތު ހަމަވުމުގެ ކުރިން، ކަމާބެހޭ ޤާނޫނީ އޮނިގަނޑު ގެނައުމަށް ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާބެހުމަކީ ކޮބައިކަމާއި، އަބުރާބެހުން ކަމަށް ނުބެލެވޭނެ ޙާލަތްތަކާއި، މީހެއްގެ އަބުރާބެހިއްޖެނަމަ އެކަމުގެ ސަބަބުން އަބުރާބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލުނަގައިދިނުމުގެ އުސޫލުތަކާއި، އަބުރާ ބެހުމުގެ މަދަނީ ދަޢުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާޢުތަކާގުޅޭ އުސޫލުތައް ކަމަަށްވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.