އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅި ނަމަވެސް ލާދީނީ ކިޔޭނެކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް ލާދީނީ ކިޔާނެކަމަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މުސްލިމަކާ ދިމާއަށް ލާދިނީ މީހެކޭ ބުނުން ކުށަކަށް ހަދަން އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކުވަނީ ވޯޓު ދެއްވައިފައެވެ. އޭގެ ތެރޭގައި މަލީހު ނިސްބަތްވާ ފުވައްމުލަކަށް ނިސްބަތްވާ 3 މެމްބަރުންވެސް ހިމެނި ވަޑައި ގަންނަވައެވެ.
މިބިލް ބަލައި ނުގަތުމަށް ވޯޓު ދެއްވި ފުވައްމުލަކު މެމްބަރުންނަށް މަރުހަބާ ވިދާޅުވެ މަލީހު ވިދާޅުވީ އިސްލާމްދީނާއި، ދިވެހިންގެ ހިމާޔަތުގައި ފުވައްމަލުކުގެ ރައްޔިތުން އަބަދުވެސް ތިބޭނީ އެއްބައިވަންތަ ކަމާއިއެކުގައިކަމަށެވެ. އެކަން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން ހާމަކޮށްދޭވީ އުފާކުރައްވާކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އަދި މިގޮތަށް ޤާނޫނު ހުށަހަޅައިގެން އިސްލާމްދީނާއި ޚިލާފް އަމަލުހިންގާ މީހުންނާއި ދިމާލަށް ލާދީނީއޭ ނުކިޔުމަށް ކިތަންމެ މަސައްކަތް ކުރިނަމަވެސް އެކަން ނުހުއްޓާނެކަމަށް މަލީހު ވިދާޅުވިއެވެ.
ލާދީނީ ބިލާ ދެކޮޅަށް ފުވައްމުލަކު ތިން މެމްބަރުން ވޯޓްދެއްވީމަ ދެން ރަނގަޅުވާނެ ކައުންސިލުން އެކަމަށް މަރުހަބާ ކިޔާ އަދި ލާދީނީ ބިލާ ދެކޮޅަށް ބަޔާނެއް ނެރުނަސް. ފުވައްމުލަކަކީ ދީނަށް ލޯބިކުރާ ރައްޔިތުން ދިރިއުޅޭ ރަށެއް. ލާދީނީ ކިޔޭނެ. ކިޔާނަން. ނޫނީ އިސްލާހުވޭ. މީ ދިވެހިރާއްޖެ.
– މަލީހު ވިދާޅުވިއެވެ.
މިބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ހިމެނެ އެވެ. އެގޮތުން ބިލާ ދެކޮޅަށް ވޯޓު ދެއްވި ފުވައްމުލަކު ސިޓީގެ ތިން މެންބަރުންނަކީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު އެވެ. މި ތިން ބޭފުޅުންގެ އިތުރުން ހިސާންގެ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވި އެމްޑީޕީގެ މެންބަރަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އެވެ. އޭނާ ވަނީ ބިލްގެ ބަހުސްގައި ވެސް ބިލާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ އިތުރުން ބިލް އަނބުރާ ގެންދިއުމަށްވެސް ގޮވާލައްވާފަ އެވެ.
ހިސާންގެ ބިލާ ދެކޮޅަށް އިތުރަށް ވޯޓު ދެއްވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޖޭޕީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާ މެދު އަނިޔާވެރިވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއެއް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާންގެ މި އިސްލާހާ މެދު އަދި ބައެއް މާއްދާތަކުގައި ބޭނުން ކޮށްފައިވާ އިބާރާތާއި، ބައެއް މާއްދާތައް ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ފުޅާކޮށް އޮތުމަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާ މެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމެންޓު ފޮނުވާ