ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދުނުކުރާނަމަ، ކޯލިޝަނުން ވަކިވާންވީނޫންތޯ: ދޮންބިލެތް

ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދުނުކުރާނަމަ، ކޯލިޝަނުން ވަކިވާންވީނޫންތޯ: ދޮންބިލެތް

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2021 09:59
0

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ތާއީދު ނުކުރާނަމަ، ކޯލިޝަނުން ވަކިވުމަށް، ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ބިލް މަޖިލީހަށް ހުށައެޅީ އަދާލަތު ޕާޓީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ދެކެވޭ ވާހަކަތައް ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ދޮގުކޮށްފައެވެ. އަދި ރައީސް މައުމޫން ނިސްބަތްވާ އެމްއާރުއެމްއިން ވަނީ މިބިލަށް ތާއީދު ނުކުރާކަމަށް ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ދޮންބިލޭ ވިދާޅުވީ ސަރުކާރުގެ ކޯލިޝަންގައިއޮވެ، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލްތަކަކީ ކޯލިޝަންގެ ތާއީދު ލިބިގެން ހުށަހަޅާ ބިލްތަކެއްކަމަށެވެ. އެކަން އޮގޮތަށް ނުވާނަމަ ކޯލިޝަން ތެރޭގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.

ކޯލިޝަންގެ ސަރުކާރުން ހުށަހަޅާ ބިލްތައް ވާނީ ކޯލިޝަންގެ ހުރިހާ ބައިވެރިންގެ ތާއީދު އޮންނަ ބިލަކަށް. ނޫނީ ކޯލިޝަނުން ވަކިވާންވީ ނޫންތޯ.

– ދޮންބިލޭ ހަލީމް ވިދާޅުވިއެވެ.

"ހިސާން ބިލު" ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފައެވެ.

ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.