ވެރިކަމުގެ ހުރި މައްސަލަތަކާއި އާއިލީ މަޞްލަޙަތު ގުޅުވަން ނަހައްދަވުމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ފަސްޓް ލޭޑީ މެޑަމް ފަޒުނާއަށް ގޮވާލައިފިއެވެ.
ޑރ.ޖަމީލް މިފަދަ ގޮތަކަށް ވިދާޅުވީ އެކަމަނާގެ ކޮއްކޯފުޅުގެ ފިރިކަލުން އަދި އަލީފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ބިގޭ) އަކީ ކެރޭ ހީވާގި ލީޑަރެއް ކަން ހާމަވެގެން ގޮސްފައިވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ޖަމީލް ވިދާޅުވީ ފަޒުނާ އަކީ ނަމޫނާ ބޭފުޅަކަށް ވުމަށް ވަރަށް މަސައްކަތް ކޮށްފިކަމަށެވެ. ނަމަވެސް ސިޔާސީ އޮއިވަރުގައި ބާރު ބޮޑުވާން ފެށުމުން އަމިއްލަ އާއިލާއާއި، އަމިއްލަ މަސްލަހަތު ސިޔާސީ ގޮތުން ބާރުވެރި ކުރުމަށް ކުރައްވާ މަސައްކަތަކީ ލަދުވެތި މަސައްކަތެއްކަމަށެވެ.
މާ ނަމޫނާ ފަސްޓް ލޭޑީއެއް ކަމަށް ދެއްކުމަށް މިހާ ދުވަހު ލައްކަ މަސައްކަތްކޮށްފި. އެކަމަކު އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް ސީދާ ވަދެ ސިޔާސީ ގޮތުން ފަޒްނާ ހަތިޔާރު ނަންގަވަން ޖެހުނީމާ ލަދުވެތި. ވެރިކަމުގެ ހުރި މައްސަލަތަކާއި އާއިލީ މަޞްލަޙަތު ގުޅުވަން ނަހައްދަވާ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ބިގޭ ވަނީ އެ ބޭފުޅާގެ ސިޔާސީ ހަޔާތާއި ޖަލުގައި ހޭދަކުރެއްވި ދުވަސްތަކާއި ސިޔާސީ އިސްލާހީ މަސައްކަތުގެ ސަބަބުން އެކިއެކި ހުކުމްތައް ތަންފީޒުކުރުމަށް ބަންދުގައި ހޭދަވީ ދުވަސްތަކުގެ ތަފްސީލް ވިދާޅުވެފައެވެ.
މި ކަންކަމާ ގުޅޭގޮތުން ބިގޭއަށް ތަޢުރީފް ކުރައްވާ ފަޒްނާ ވިދާޅުވީ، ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި، ވަކި މީހަކު މޮޅުކޮށް ދެރަކޮށް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް ބިގޭ ފާހަގަކުރެއްވި ކަމަށް ފަޒްނާ ވިދާޅުވިއެވެ. މިގޮތުން ބިގޭ އަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގުމަށް މަޖިލީހުން ދަތިކޮށްގެން ނުވާނެ ކަމަށް ބިގޭ ވިދާޅުވަމުން ގެންދަވާ ވާހަކަތަކަށް އެމްޑީޕީގައި ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އާއިލީ މަސްލަހަތަށްޓަކައި ބިގޭ ސަރުކާރ ދިފާޢު ކުރައްވަނީ ކަމަށެވެ. މިފަދަ ތުހުމަތުތައް ކުރައްވަމުން ދާއިރު ބިގޭ ކައިވެނިބައްލަވައިގެ އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ކޮއްކޯފުޅު ހުދާ އަޙްމަދާއެވެ.
ހަމަ އެހެންމެ ކުރީގެ ރައީސް މުޙައްމަދު ވަހީދު ހަސަން އަކީވެސް ބިގޭގެ ޅިޔަނެކެެވެ. އެގޮތުން ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސައިން އަކީ ބިގޭގެ އެއްބަނޑު އެއްބަފާ ދައްތަ އެވެ. ނަމަވެސް ވަހީދުގެ ސަރުކާރާދެކޮޅަށް އެމްޑީޕީގެ މެމްބަރުން އަޑު އުފުލައި ހިންގި ހަރަކާތްތަކުގައި ވެސް އެމްޑީޕީއާއެކު އެންމެ އިސްކޮށް ހުރި އެއް ބޭފުޅަކީ ބިގޭއެވެ.
ކޮމެންޓު ފޮނުވާ