އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަސް ލިބޭނެ ކަމަށް އޮމްބަޑްޕަރސަންގެ އޮފީހުން ބުނެއެވެ. އެއީ ޖޫން 13ން އޮގަސްޓް 13 ވަނަ ދުވަހުގެ ނިޔަލަށެވެ
އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 1953 ވަނަ އަހަރުގެ ޖެނުއަރީ 1ން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް އެއިދާރާއިން ބަލައިގަންނަން ފަށާފައިވާ ކަމަށް ވަނީ މިއަދު ނެރުނު ބަޔާނުގައި ބުނެފައެވެ.
އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ އެ އޮފީހަށް މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތަކާއެކު، އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ އޮފީހުގެ އީމެއިލް އެޑްރެސް[email protected]އަށް ނުވަތަ އޮފީސް ހުޅުވިފައިވާ ހުންނަ ވަގުތުތަކުގައި އޮފީހުގެ ކައުންޓަރަށް ފޯމު ހުށަހެޅޭނެއެވެ.
މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެއިދާރާގެ ނަންބަރު 7337486 އަށް ގުޅުމުން ލިބޭނެ ކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފާހަގަކުރެއެވެ.
އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ޙައްލުތައް ހޯދައި ދިނުމެވެ.
ކޮމެންޓު ފޮނުވާ