ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި ފ.ނިލަންދޫ މޯނިންގްސަން ސަމީއާ އަހުމަދު ނިޔާވެފައިވަނީ އަލަތު ދަރިފުޅު ލިބުނުތާ އަށް ވަނައަށް ވީ ދުވަހުއެވެ.
ސަމީއާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ސަމީއާ ކޯވިޑަށް ޕޮޒިޓިވްވީ ވިހަން ވަރަށް ކައިރިވެފައި ވަނިކޮށް އޭނާގެ ރަށުގައި ހުއްޓައެވެ. އޭނާގެ ހާލު ސީރިއަސް ވާތީ މާލެ ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. މިއީ މަރުވި މީހާގެ އަލަތު ދަރިފުޅެވެ.
ނިލަންދޫއިން މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ސަމީއާއަށް ނިޔާވުމާއިއެކު މުޅި ރަށުގެ ރައްޔިޔުން ތިބީ ވަރަށްބޮޑު ހިތާމައެއްގައިކަމަށެވެ. މިއީ ރާއްޖެއިން ކޯވިޑްގައި މިހާ ޒުވާން އުމުރުގައި ނިޔާވި ދެވަނަ މީހާއެވެ. މީގެ ކުރިން ވަނީ އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކުވެސް ކޯވިޑްގައި ނިޔާވެފައެވެ.
މިއީ ކޯވިޑްގައި ރާއްޖެއިން ނިޔާވި 194 ވަނަ މީހާއެވެ. އަދި މިއީ މިއަދުގެ 2 ވަނަ މަރެވެ. މިއަދު ފުރަތަމަ ނިޔާވީ ހުޅުމާލޭ ފެސިލީގައި ފަރުވާ ދެމުން ދިޔަ، އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. މިމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 9:55 ހާއިރުގައެވެ. އިއްޔެވެސް ރާއްޖެއިން ވަނީ ކޯވިޑް ބަލީގައި ފަރުވާ ކުރަމުންދިޔަ މީހަކު ނިޔާވެފައެވެ.
ކޯވިޑްގައި މިއަދު ނިޔާވި ޒުވާން ސަމީއާ، އާއި އަދ މިބަލީގައި ނިޔާވާ މީހުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން.
ކޮމެންޓު ފޮނުވާ