ވެރިކަމަކީ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި، ކޮންމެ ކޮންމެ މީހަކަށް އެބުރަ މަސްއޫލިއްޔަތު އަދާކުރުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ޚިޔާލާތު ތަފާތުވުންތަކާއި ގުޅިގެން ދެކެވެމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ޑރ.އިޔާޒު ވިދާޅުވީ ވެރިކަމަކީ އެއީ ވަރަށް ބޮޑު އަމާނާތެއްކަމަށެވެ. ވެރިޔަކަށް ހުންނަ މީހަކީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއި، ޒިންމާތަކެއް އޮތް ބޭފުޅަކަށްވާއިރު، އެބޭފުޅެއްގެ ވިސްނުމާއި ސިކުޑިއަށް ކުރާނެ އަސަރަކީ ނުހަނު ބޮޑު ޕްރެޝަރެއް ކަމަށެވެ. މިކަންކަމާއި ކެތްތެރިވެ މަސައްކަތް ކުރުމަކީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ ރިވެތި ސިފަކަމަށް އިޔާޒު ވިދާޅުވިއެވެ.
ވެރިކަން ކުރުމަކީ ކޮންމެ ކޮންމެ ބޭފުޅަކަށް ފަސޭހަ ކަމެއްނޫންކަން ރާއްޖެއިންވެސް ފެނިފައިވާކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ. އެގޮތުން އަމިއްލަފުޅަށް ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވީވެސް ހަވާލު ކުރެވުނު ޒިންމާތައް އަދާނުކުރެވި އަމިއްލަ ފުޅަށް އެކަންކަން މެނޭޖު ނުކުރެވިގެންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ވެރިކަމަކީ ވަރަށް ބޮޑު އަމާނާތެއް. ވެރިކަމަށް ހުންނަ ފަރާތަކަށް ލިވޭ އިނާޔަތާއި ބާރުތަކަށްވުރެ ސިކުނޑިއަށް ކުރާ ޕްރެޝަރު ބޮޑުވާނެކަމެއް. ބައެއް ބޭފުޅުން ދައުރުގެ މެދު ތެރެއިން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވީވެސް އެހެންވެ. ވީމާ މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއްނޫން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ މިއަދު ޤައުމަށް ކުރިމަތިވެފައިވާ މި ވަގުތަކީ ސިޔާސީ މަންފާތަކާއި އަމިއްލަ އެދުންތައް އެއްފަރާތްކޮށް، ޤައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. ވެރިކަން ނުލިބިދާނެކަމަށްދެކި، އެޓިކެޓް ހޯދުމަށް މަސައްކަތް ކުރުމަކީ މިހާލަތުގައި އަދި ކުރަންވީ ކަމެއްނޫންކަމަށާއި، މިހާލަތަކީ ޤައުމު އޮތް ހާލަތުން ނަގުމަށް އެކީގައި އެންމެން މަސައްކަތް ކުރަންވީ ވަގުތުމަށް އިޔާޒު ވިދާޅުވިއެވެ.
2020 އިން ފެށިގެން މުޅި ދުނިޔެވެސް މިއަންނަނީ ވަރަށް ބޮޑު ދަތިކަމަކާއި ކުރިމަތިލަމުން. ޤައުމަށް ހެޔޮ އެދޭ ބަޔަކުނަމަ ބަލާނީ މި އަނދަވަޅުން ސަލާމަތްވާން އޮތް އެހީތެރި ކަމެއް ދެވޭތޯ. އޭގެ ފަހުން ގޮޑިއަށް ވިސްނާނީ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ނަޝީދާއި، ރައީސް ޞާލިހާއި ދެމެދު ވަނީ ބޮޑު ޚިޔާލު ތަފާތުވުން އުފެދިފައެވެ. މީގެ އެންމެ ބޮޑު އަސްލަކީ 2023 ގައި ވެރިކަމަށް އައުމަށް އެމްޑީޕީގެ ޓިކެޓަށް އޮތް ވާދަވެރިކަމުގެ ސަބަބުންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ