ޖަލުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން

ޖަލުތަކުގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ހަމަނުޖެހުމެއް ނުހިނގާ: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 01:39
0

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ޖަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި ސަލާމަތީ ބާރުތަކާއި ގައިދީންނާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުލުހުންގެ އިދާރާއިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

މި އޮޕަރޭޝަންގައި ޖަލުގައި ހަމަނުޖެހުން ހިނގާ ފުލުހުން ޓީޒަރ ގަން ބޭނުންކުރިކަމަށް ބައެއް އަޑުތައް ވަނީ ފެތުރިފައެވެ. މިވާހަކަތައް ދޮގުކުރައްވާ ފުލުހުން ވިދާޅުވީ ޖަލުގައި މިހާރު ހިންގަމުން އަންނަ އޮޕރޭޝަންގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށެވެ. އަދި އެއްވެސް ޤައިދީއަކަށް ޓީޒަަރ ގަން ބޭނުންކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ޖަލުގެ ހުރިހާ ގޮޅިއެއް ބަލާސް ފާސްކުރަމުން ގެންދާކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަންގެ ތަފްސީލުތަކެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ.

ކަރެކްޝަންސްގެ އޮފިސަރު ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިނގާ ކަމަށް ބުނެ ދައުުރުކުރަމުންދާ ފޮޓޯ އަކީ މިއަދުގެ ފޮޓޯއެއް ނޫން ކަމަށެވެ. މާލެ ޖަލާއި މާފުށި ޖަލުގައި ކުރިއަށްދާ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ. މެއި ހައެއްގެ ހަމަލާއާއި ގުޅިގެން ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަން ޖަލުގައި ފެށީ މިއަދު ފަތިހު 5:00 ޖަހާއެހާއިރުއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަރުކަށި ފިކުރާއި ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުން ބައެއް މީހުންވަނީ ހައްޔަރުކޮށްފައެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ތަހުޤީޤާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުން ހުރި މީހަކު ހިމެނޭކަމަށެވެ. އެހެންނަމަވެސް އެމީހާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.