އުޅެއުޅެވެސް ނުވި ކަމަކީ އެމްޑީޕީ ބައިބައި ކޮށްލުން: ޝިފާއު

އުޅެއުޅެވެސް ނުވި ކަމަކީ އެމްޑީޕީ ބައިބައި ކޮށްލުން: ޝިފާއު

Author
މުޙައްމަދު ޝަޒައިމް
12 ޖޫން 2021 09:59
0

އެކި ހާލަތްތަކުގައި އެމްޑީޕީ ބައިބައި ކޮށްލުމަށް އެކި ބޭފުޅުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް މިހާތަނަށްވެސް ކާމިޔާބު ވެފައިނުވާ ކަމަކީ އެމްޑީޕީ ބައިބައި ކޮށްލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު، ހިގައިގެންދާ ކަންތައްތަކާއި ގުޅިގެން އެމްޑީޕީ ދެބައިވެފައިވާކަމަށް އެޕާޓީ ތެރެއިންވެސް އިސްބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެކަން އެހެން ވިޔަ ނުދިނުމަށް އެމްޑީޕީގެ މެމްބަރުންނާއި، ބައެއް އިސް ބޭފުޅުން މިހާރުވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމާއި ގުޅިގެން މެމްބަރު ޝިފާއު ވިދާޅުވީ އެމްޑީޕީ ބައިބައި ކޮށްލުމަކީ މިހާތަނަށްވެސް އެއްވެސް ބަޔަކަށް ކާމިޔާބުވެފައިވާ ކަމެއްނޫންކަމަށެވެ.

އުޅެއުޅެވެސް ނުވި ކަމަކީ އެމްޑީޕީ ބައިބައި ކޮށްލުން. އެމްޑީޕީ 2 ބައި ނުވާނެ. އެމްޑީޕީ އަކީ އެމްޑީޕީ މެމްބަރުންގެ ފިކުރެއް.

– ޝިފާއު ވިދާޅުވިއެވެ.

އެމްޑީޕީ ދެބައިވީ، އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދާއި، ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުމުންކަމަށް ވިދާޅުވެ، އެމްޑީޕީ ދެބައިވެއްޖެކަމަށް އެޕާޓީގެ ޗެއަރޕާސަން ޙަސަން ލަޠީފްވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން މިހެން ވިދާޅުވީ، އެމްޑީޕީ ދެބައިވެއްޖެކަމަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) މިއަދު ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދުގައެވެ. ބިގޭގެ ވާހަކަފުޅާއި ގުޅިގެން ރައީސް ނަޝީދަށް ތާޢީދުކުރައްވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ސަރުކާރާއި، ބިގޭއަށް ފާޑުވިދާޅުވެ ރައްދު ދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޅިޔަނު ބިގޭއަށް، ރައްދުދެއްވައި އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަސައްކަތް ދެބައިވީ އެމްޑީޕީން ވަޢުދުވި ކަންކަން ސަރުކާރުން ބޭނުން ނުވީމަކަމަށެވެ. އެމްޑީޕީ ދެބައިވީ އެމްއެމްޕީއާރުސީއާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫހާކަން ފެށީމާއި، ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަކަމަށްވެސް ޙަސަން ލަޠީފް ވިދާޅުވިއެެވެ. އަދި ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށްގެން ސަރުކާރު ހިންގަން އުޅުނީމަކަމަށްވެސް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބިރުބޮޑު
އެމްޑީޕީ ވެސް ބައިބައިވާނެ ޖެހޭނީ ކެއްކޮށްލަން ވަރަށްސާފް
ސ ސައީދު
އުޅެއުޅެވެސް ނުވިކަމަކީ އެމްްޑީޕީ ބައިކޮށްލުމޭ ކިޔައިގެން ވާހަކަދަައްކާއިރު ޕާޓީ އޮތީ ބައިބައިވެފައޭ ބުނެ ޕާޓީގެ ޗެއާޕާސަންންނ ިދެއްކި ވާހަކަ މިކަލޭގެއަށް ނޭގޭކަމާމެދު ހައިރާންވޭ