ޗައިނާ އަތުން ބަލިވެ ރާއްޖެއަށް 3 ވަނަ ގެއްލިއްޖެ

ޗައިނާ އަތުން ބަލިވެ ރާއްޖެއަށް 3 ވަނަ ގެއްލިއްޖެ

Author
ޔޫސުފް
12 ޖޫން 2021 12:42
0

ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ޗައިނާ އަތުން ބަލިވެ ގްރޫޕް އޭގެ 3 ވަނައަށް އެރުމުގެ ފުރުޞަތު ދިވެހިރާއްޖެ އަށް ބަންދުވެއްޖެއެވެ.

ދުބާއީގައި މިރޭ ކުޅުނު މެޗު ޗައިނާއިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މި ގްރޫޕްގައި ރާއްޖޭގައި ކުޅުނު މެޗުވެސް ޗައިނާއިން ކާމިޔާބުކުރީ 0-5 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ޗައިނާއިން ނުކުތީ އާއްމުކޮށް ނެރޭ ފުރަތަމަ 11 އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

މި މެޗު ފަށައިގެން 5 ވަނަ މިނެޓުގައި ޗައިނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޗައިނާއަށް ކާމިޔާބުކޮށްދިނީ، ބިންބިން ލިއޫ އެވެ. ޗައިނާގެ ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ލެއި ވޫއެވެ. ކޮލިފައިންގައި މިދިޔަ ހަފްތާ ރާއްޖެ އާއި ސީރިއާ ބައްދަލުކުރި މެޗުގައި ފެނުނު ކުޅުމަށްވުރެއް މި މެޗުގައި ރާއްޖޭގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-2 އިން ޗައިނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން 63 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ހަމްޕު އާއި އައިޝަމްގެ ބަދަލުގައި ނާއިމް އާއި ޝަމާލް ވަނީ ކުޅެން އަރުވާފައެވެ. މި މެޗުގައި ޗައިނާއިން ޖެހި ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އެޓީމުން ޖެހީ 68 ވަނަ މިނެޓާއި 69 ވަަނަ މިނެޓުގައެވެ. މި ދެ ލަނޑު ޗައިނާއަށް ކާމިޔާބުކޮށްދިނީ، އަލަން އަދި ޔޫނިން ޒާންގްއެވެ. ޗައިނާއިން 5 ވަނަ ލަނޑު ޖެހުމުގެ ކުރިން ރާއްޖެއިން ވަނީ އިތުރު ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން 78 ވަނަ މިނެޓުގައި ހުސައިން ނިހާންގެ ބަދަލުގައި އަލީ ފާސިރު ކުޅެން އެރުވިއިރު ޢަލީ އަޝްފާގު ކުޅެން އެރުވީ ޢަލީ ހައިޝަމްގެ ބަދަލުގައެވެ. ޗައިނާއިން މި މެޗުގައި ޖެހި 5 ވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ލޯންގް ޓެން އެވެ.

މި ނަތީޖާއާއެކު ރާއްޖެ އަށް 7 މެޗުން 6 ޕޮއިންޓާ އެކު ހަތަރު ވަނަ ލިބުނުއިރު ފިލިޕީންސް ތިން ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ގުއާމަށް ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕުގެ އެއް ވަނަ ކަށަވަރު ކޮށްފައިވަނީ ހަތް މެޗުން 21 ޕޮއިންޓް ހޯދި ސީރިއާ އެވެ. އެޓީމުން ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. ގްރޫޕުގެ ދެ ވަނަ ލިބުނީ 16 ޕޮއިންޓް ހޯދާފައިވާ ޗައިނާ އަށެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ނުކުންނާނީ ފިލިޕީންސް އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.