ދަންޖެއްސުމަށްވުރެއް، ބޮޑަށް ކޮމެޓީން ވޯޓުލީގޮތް ބަލަން އުޅުމަކީ މަގުއޮޅިފައިވާކަމުގެ ހެތްކެއް: މީކާއިލް

ދަންޖެއްސުމަށްވުރެއް، ބޮޑަށް ކޮމެޓީން ވޯޓުލީގޮތް ބަލަން އުޅުމަކީ މަގުއޮޅިފައިވާކަމުގެ ހެތްކެއް: މީކާއިލް

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 03:56
0

އިމްތިޔާޒު ކޮމިޓީން މެމްބަރަކު ދަންޖެއްސުމަށް ގޮވާލި މައްސަލަ ބެލުމަށްވުރެއްވެސް ބޮޑަށް ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލަން އުޅުމަކީ ކޮމެޓީ މެމްބަރުން މަގުއޮޅިފައިވާ މިންވަރު ހާމަވާ ކަމެއްކަމަށް ރައްޔިޔުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ދަންޖެއްސުމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލުމުން އެކަމަށް އިމްތިޔާޒު ކޮމެޓީން މާބޮޑު ސަމާލުކަމެއް ނުދެއްވައި، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ މައުލޫމާތުތައް އާންމުވި މައްސަލަ ބަލަން ނިންމުމާއި ގުޅިގެންނެވެ.

މީކާއިލް ވިދާޅުވީ ކޮމިޓީ މެމްބަރުން މަގު އޮޅިފައިވާ މިންވަރު މިމައްސަލައަށް އެކަނި ބަލައިލުމުންވެސް ހާމަވާކަމަށެވެ. ދަންޖެއްސުމަކީ އެހާ ސީރިއަސް މައްސަލައަކަށް ކޮމިޓީގެ މެމްބަރުންނަށްނުވެ، ވޯޓުލީގޮތް ބަލަން އޮޅުމަކީ އަމިއްލަ މަސްލަހަތުވެސް އެކަމުން ހާމަވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިންސާނަކު ދަންޖެއްސުމަށް ގޮވާލުމަށްވުރެވެސް ބޮޑަށް ކޮމިޓީގައި ވޯޓު ލީގޮތް ރައްޔިތުންނަށް ހާމަވުމުގެ މައްސަލަ މެންބަރުންނަށް ސީރިއަސް މައްސަލައެއް ގޮތުގާ ފެނުމަކީ މަގުއޮޅިފައިވާކަމުގެ ހެއްކެއް.

– މީކާއިލް ވިދާޅުވިއެވެ.

ވޯޓް ދެއްވި ގޮތް އާންމުވި މައްސަލަ ބަލަން ހުށަހެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފްއެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިމްތިޔާޒު ކޮމެޓީން ސިއްރުކޮށްގެން ބޭއްވި ބައްދަލުވުމުގައި ޒަމީލްގެ މައްސަލަ ބަލަން ނުފެންނަ ކަމަށް އެމްޑީޕީން ވޯޓު ދެއްވި ހަތަރު މެންބަރުންގެ ތެރޭގައި ސަނީފްވެސް ހިމެނިވަޑައިގަންނަވައެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިމްތިޔާޒު ކޮމެޓީގެ އެޖެންޑާ ތާވަލުކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަން ޖައްސަން" ޖެހޭ ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި ކަމަށް ބުނާ މައްސަލައެވެ. ނަމަވެސް ސަނީފް ހުށަހެޅުއްވި މައްސަލަ މާ ސީރިއަސްކަމަށް ވިދާޅުވެ މެމްބަރުން އެދިވަޑައިގެންނެވީ އެ މައްސަލަ ފުރަތަމަ ބެލުމަށެެވެ. އެހެންވެ ކޮމެޓީގައި ފުރަތަމަ ކުރިއަށް ގެންދިޔައީވެސް ސަނީފްގެ މައްސަލަ އެވެ.

ސަނީފް ވިދާޅުވީ ބައެއް މެމްބަރުން އެހެން މެމްބަރުން އެހެން މެމްބަރުންނާމެދު ނަފްރަތު އުފައްދަައި މައުލޫމާތު ލީކުކޮށްލުން ބަލައި ނުގެނެވޭނެ ކަމަށެވެ. އެހެންކަމުން ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް އެކަން ހިނގިގޮތް މީޑީއާއަށް ސާފުކޮށްދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވެވުމަށް އެދި ވަޑައިގެންނެވިއެވެ.

ވޯޓު ދިން ގޮތުގެ މައުލޫމާތު ލީކުވި މައްސަލައިގައި ގިނަ މެމްބަރުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެފަދަ ކަމެއް ތަކުރާރުވެ ނުދިއުމުގެ ގޮތުން މުގައްރިރު ޔާސިރު އިތުރު ފިޔަވަޅުތަކެއް އެޅުމަށް މެމްބަރުން ގޮވާލެއްވި އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށް ގެންދަންވެސް ބައެއް މެމްބަރުން އެދިވަޑައިގެންނެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.