ނަޝީދު، ބިގޭއަށް: ސިޔާސީ މަންފާއަށް، އަޅުގަނޑަށް ވަފާތެރި ބޭފުޅުން ކިޔައިދޭން ނޫޅުއްވާ!

ނަޝީދު، ބިގޭއަށް: ސިޔާސީ މަންފާއަށް، އަޅުގަނޑަށް ވަފާތެރި ބޭފުޅުން ކިޔައިދޭން ނޫޅުއްވާ!

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 03:38
0

ރައީސް ނަޝީދާއިމެދު އެހެން ބޭފުޅުން ކުރައްވާ އިތުބާރާއި، އޮތް ވަފާތެރިކަމުގެ ވާހަކަ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ދައްކުމަށްވުރެއް ނުދެއްކެވުން މާ ރަނގަޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއަކީ އެމްޑީޕީގެ މަންމަ ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުންވާނެ އެއްވެސް ކަމަކަށް މާރިޔާ ދީދީ ޖާގަ ނުދެއްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބިގޭ މިހާރު ކުރައްވަމުންދާ މަސައްކަތަކީ ސިޔާސީ ގިތުން ލިބެން އޮތް މަންފާއަކަށްޓަކައި ކުރައްވާ މަސައްކަތްތަކެއްކަމަށެވެ. އެފައިދާއަށްކައި އެމަނިކުފާނަށް ވަފާތެރި ބޭފުޅުންނަކީ ކޮބައިކަން ކިޔައިދޭން ނޫޅުއްވުމަށް ރައީސް ނަޝީދުވަނީ ބިގޭއަށް ދަންނަވާފައެވެ.

އަޅުގަނޑުގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ އެބޭފުޅާ ސިޔާސީ ފައިދާއަށް ޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް. އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ، ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ ނުދެއްކެވިއްޔާ.

– ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާއަށްފަހު އެމްޑީޕީ ތެރޭގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ މާރިޔާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މާރިޔާ މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް ގޮވާލަމުންނެވެ. މިކަމާއި ގުޅިގެން ބިގޭ ވިދާޅުވީ ޑިފެންސް މިނިސްޓަރަކަށް މާރިޔާ ހުންނަވައިގެން ރައީސް ނަޝީދަށް ދެރަވާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެކަމަށެވެ. އަދި އެއީ ޒާތީ ގޮތުންވެސް އަދި ސިޔާސީ ގޮތުން ބެލި ކަމުގައިވީނަމަވެސް މާރިޔާ، ރައީސް ނަޝީދަށް ދެރަގޮތެއްވާން ނެދޭނެކަމީ ޔަގީން ކަމެއްކަމަށެވެ.

މާރިޔާއަކީ އެމްޑީޕީގެ މަންމަ. ނަޝީދަށް ގެއްލުންވާވަރުގެ ކަމެއް މާރިޔާ ނުކުރާނެ، ސިޔާސީ ގޮތުންވެސް ފަރުދީ ގޮތުންވެސް މާރިޔާ ނުކުރާނެ. ވަޒީރަކު އިސްތިއުފާ ދޭންޖެހޭނީ ތުހުމަތު ކުރެވޭ ކަމެއްގައި ސާފުކޮށް ހެކިހުރެގެން. އަދި ނެތް މާރިޔާ ވަކިކުރަންޖެހޭ ހާލަތެއްވެސް އިސްތިއުފާ ދޭންޖެހޭ ހާލަތެއްވެސް.

– ބިގޭ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ނުފެންނަ ކަމަށް ނިންމި ނިންމުމާއިއެކު ބިގޭއަށް އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ. މިނިސްޓަރ މާރިޔާއާއިމެދު ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށާފައިވަނީ މިމައްސަލާގައި ސީދާ މާރިޔާއަށް ކުރީބައިގައި މައުލޫމާތު ދިނުމުންވެސް މާރިޔާ މިކަމަށް އިޖާބާ ނުދިނުން ކަމަށް ބުނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.