ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އިގުރާރުވެއްޖެ

ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އިގުރާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 10:26
0

މިދިޔަ މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމާލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިގްރާރުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވަނީ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފައެވެ. ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލާ ފާރަވެރިވާނެ ޚާއްސަ ކޮމިޓީއެއް އުފެއްދުމަށް ގައުމީ މަޖިލީހަށް މިގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދެވެ. ގަރާރަށް ތާއީދުކުރައްވާފައިވަނީ މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމްއެވެ. މިގަރާރު ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 100 މެމްބަރުންގެ ވޯޓުންނެވެ.

ޤަރާރުގައި ހިމެނޭ މުހިންމު ބައިތައް:

  1. ސަރުކާރު އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަހުގީގުތަކާއި، މިކަމާއި ގުޅިގެން އަޅާ/އަޅަންޖެހޭ ފިޔަވަޅުތަކާއި، ކުރާ/ކުރަންޖެހޭ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ޕާޓީގެ ފަރާތުން ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށާއި،
  2. ކުރިން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ހަގީގަތްތައް ނުހޯދި، އިންސާފު ދިގުލައިގެން ގޮސްފައިވާ ހިނދު، ދައުލަތުގެ އެންމެ މަތީ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނީ ލާޒިމުކަން އޮތް ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާގެ ތަހުގީގަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނެގެހެއްޓޭ މިންވަރު ބަލާލެވިގެންދާފަދަ ސީރިއަސް ހަމަލާއެއް ކަމުގައިވާތީ އާއި، މިފަދަ ބޮޑު މައްސަލައެއްގެ ހަފަރާތް ނުހޯދިއްޖެނަމަ، މިޕާޓީ ދައުލަތެއްގެ ގޮތުގައި ދެކޭ ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އޮތްކަމާއި،
  3. ބަޔާންކުރެވިގެންދިޔަ ކަންކަމުގެ ބިރުވެރިކަމާއި، ކަންބޮޑުވުމާއެކު ރައީސް ނަޝީދަށް އިންސާފު ގާއިމުކުރުމަށް މުޅި ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުންނާއި ދިވެހިރައްޔިތުން ކެނޑިނޭޅި ގޮވަމުން ދިޔުމާއެކު، އެމްޑީޕީގެ މެމްބަރުންގެ ފަރާތުން މިކަން ގާތުން ބަލައި ފާރަވެރިވާނެ ޚާއްސަ ކޮމިޓީ އުފެއްދުމާއި ކޮމިޓީގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރުންމަތީ ފިލައިގެންނުގޮސް ތިބުމަށް.

މީގެއިތުރުން ކޮމިޓީގެ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު މަދުވެގެން ހަފްތާއަކު އެއް ފަހަރު ގައުމީ މަޖިލީހާ ހިއްސާކުރުމަށްވެސް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. މިހުށަހެޅުން ފާސްކޮށްފައިވަނީ 96 މެމްބަރުން ވޯޓުންނެވެ. އެހުށަހެޅުމަށް ނޫނުކޭ 2 މެމްބަރުން ވިދާޅުވިއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ 2 މެމްބަރުން ތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.