ގއ. މާމެންދޫ ފެހިކުރުމަށް 2014 ވަނަ އަހަރުން ފެށިގެން އިންދާފައިވާ ބޮޑެތި ގަސްގަހަށް ގެއްލުންދީ ބަޔަކު ގަސްކަނޑާ މައްސަލާގައި ރަށުގެ ރައްޔިތުންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޚަބަރު އޮންލައިނާ އެރަށުން ވާހަކަދެއްކި މީހަކު ބުނީ މީގެ ހަފްތާއެއް ކުރި ރަށުގެ ބޮޑުމަގުގައި ހުރި ބޮޑެތި ގަސްތަކެއް ބަޔަކުމީހުން ރޭގަނޑު ދަންވަރު ކަނޑާލާފައި ވާކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ރަށުގެ ދެކުނު ފަރާތުގެ އަތިރިމަތީގައި ހުރި ބޮޑެތި ގަސްތަކެއް ބަޔަކުމީހުން ކަނޑާލާފައި ވާކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. އެއީ ރަށުގެ އެންމެން މޫދަށްއެރި ބާބެކިއު ހެދުމަށް ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.

ޚަބަރު އޮންލައިނަށް މަޢުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޢަޒީޒް ވިދާޅުވީ، މިއީ ކައުންސިލާއި ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށް ފެހިކުރުމަށް ހިންގާފައިވާ އަދި މިހާރުވެސް ހިންގަމުންގެންދާ މަސައްކަތްތަކަށް މީގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާކަމަށެވެ. އަޙްމަދު ޢަޒީޒް ވިދާޅުވީ މި މައްސަލަ މިހާރު ފުލުހުންނަށްވެސް ހުށަހަޅާފައި ވާކަމަށާއި މިފަދަ ބަޑެތި ގެއްލުން ރަށަށް މިދެނީ ކޮންބައެއް ކަން އަދި ސީދާ ޔަގީންކަމާއެކު ހޯދިފައި ނުވާކަމަށެވެ.
ނަމަވެސް ކައުންސިލް ރައީސް ތުހުމަތު ކުރައްވަނީ މިކަމުގައި ނިމިދިޔަ ދައުރުގައި ކައުންސިލް މެމްބަރުކަންކޮށް މިހާރު މިހިނގާ ދައުރަށް ކައުންސިލްގެ މެމްބަރުކަމަށް ނުހޮވުނު ބައެއް ބޭފުޅުންގެ އަތެއް ވާކަމަށެވެ. އަދި އެބޭފުޅުން އަޑީގައި ތިއްބަވައިގެން މިފަދަ ކަމެއް ހިންގަނީ ޒާތީ ހަސަދަވެރި ކަމެއްގައި ކަމަށް ކައުންސިލް ރައީސް ތުހުމަތު ކުރައްވައެވެ.
"2014ގައި އިންތިހާބްވީ ކައުންސިލްގައި އަޅުގަނޑުގެ ރައީސަކަށް ހުރިގެން ކައުންސިލާއި ރައްޔިތުން ގުޅިގެން ރަށް ފެހިކުރުމަށް ގަސް އިންދަން ފެށީ އޭރު ފޫޓެއްވަރު ދިގުމިން ހުންނަ ގަސް އިންދީ އެގަސްތައް މިހާރު ބޮޑެތިވެ 50 ފޫޓަށްވުރެ ދިގު، ރަށަށް ފެހިކަމާއި ފިނިކަމާއި ހިޔާލިބޭ. އަޅުގަނޑުމެންނާ އޮތް ޒާތީ ހަސަދައެއްގައި ވެސް މިފަދަ ކަމެއް ކުރުމުން ރަށަށް އެކަނިއެއް ނޫން މުޅި ދުނިޔެއަށްވެސް ދެވޭ ގެއްލުމެއް މީ"
– މާމެންދޫ ކައުންސިލް ރައީސް

އަޙްމަދު ޢަޒީޒް ވިދާޅުވީ 2017ގެ ކައުންސިލަށް މުޅިން އައު ބަޔަކުނެރެ ކައުންސިލަށް އިންތިޚާބު ކުރުމުން އެކައުންސިލުން ރަށުގައި އެންމެ ރީތިކޮށް ހިޔާލިބޭ ގަސްތައް އިންދާފައިހުރި މަގުގައި ހުރި ބައެއްގަސް އެކްސްކަވޭޓަރ ބޭނުންކޮށްގެން ނައްތާލާފައި ވާކަމަށެވެ. އަދި ގަވާދައި ހިލާފަށް ރަށުން ގިނައަދަދެއްގެ ރުއްގަސް އެ ކައުންސިލްގެ ދައުރުގައި ކަނޑާ ނައްތާލާފައި ވާކަމަށް އަޙްމަދު ޢަޒީޒް ވިދާޅުވިއެވެ.
ރަށަށް މިފަދަ ގެއްލުމެއްދޭ ބަޔަކު ހޯދައި ކަމާބެހޭ އިދާރާތަކުން، ހާއްސަކޮށް ސަރުކާރާއި އީޕީއޭއިން މިކަންކަން ބައްލަވައި ފިޔަވަޅު އަޅައިދިނުމަށް ގއ. މާމެންދޫ ރައްޔިތުންނާއި ކައުންސިލުން އެދެއެވެ.
ކޮމެންޓު ފޮނުވާ