މޭލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުން މިމަހު 21 ގައި!

މޭލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ހޮވުން މިމަހު 21 ގައި!

Author
މުޙައްމަދު ޖިމީ
09 ޖޫން 2021 12:11
0

މާލެސިޓީގެ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21ގައި ބޭއްވުމަށް ނިންމާ ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ.

އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޚާބުކުރާ ނާއިބު ރައީސާއި ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރުން، މެންބަރުން ހުވައި ކުރުމަށްފަހު ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ފަސްކުރުމަށް އިރުޝާދު ދެއްވާފައިވާނެކަމަށެވެ. މިގޮތަށް އިރުޝާދުދެއްވީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެންނެވެ. އަދި މިގޮތަށް އިރުޝާދުދެއްވުމުގައި، އިންތިޚާބުކުރާ ތާރީޚު އިއުލާނުކުރިއިރު، އިންތިޚާބީ ބައެއް މެންބަރުން ދުރާލައި އެތާރީޚަށް ރަށްރަށަށް ވަޑައިގަތުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ ފުރުޞަތު ބައެއް މެންބަރުންނަށް ދީ ދުރާލައި އިންތިޒާމުތައް ހަމަޖެއްސުމަށް ވަގުތު ނުލިބުމުގެ މައްސަލަތައް ރިޢާޔަތްކުރައްވާފައި ވެއެވެ.

ނަމަވެސް ހުވައިކުރުން އޮންނަ ތާރީޚު އިއުލާން ކުރި ދުވަހުންފެށިގެން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއެކު ރަށްރަށަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވި ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށް އެލްޖީއޭއަށް ޤަބޫލުކުރެވޭތީ، ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުގެ އިންތިޙާބު އޮންނަދުވަސް ކަނޑައަޅައި އެބޭފުޅުންނަށް 14 ދުވަހުގެ ނޯޓިސްއެއް ދެއްވުމަށްފަހު، މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭގެ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކަން ނިންމެވުމަށް އެލްޖީއޭއިން ވަނީ އަންގަވާފައެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކައުންސިލަރުންނަށް ފޮނުއްވި ސިޓީގައި ވަނީ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ގައި އޮންނާނެކަމަށެވެ. ޑެޕިއުޓީ މޭޔަރަކު އިންތިޚަބުކުރާނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާތަނަށް ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ. ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީވެސް މާލެ ސިޓީ ކައުންސިލްގައެވެ. މާލެ ސިޓީ އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ. ޑެޕިއުޓީ މޭޔަރުކަމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ޢަބްދުﷲ ނާސިރާއި، ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.