ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީތަކަށް ޖަވާބުދާރީ ނުވަނީ ޤާނޫނު ޖާގަނުދޭތީ ކަމަށާއި، ރައީސް ނަޝީދާއި ގުޅޭގޮތުން މަޖިލީހުން ކޮމެޓީން ކުރިއަށް ގެންދާ އިންކުއަރީ ދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަކީ ނުރައްކާތެރި ބިރުވެރި ކަމެއްކަމަށާއި، އެއީ ރާއްޖޭގައި އެފަދަ ކަމެއް އިތުރަށް ތަކުރާރުވެގެން ނުވާނެފަދަ ބިރުވެރިކަމެއްކަމަށެވެ. ރައީސް ވިދާޅުވީ މި ހަމަލާދިން ބަޔަކާއި މިކަމުގެ ފަހަތުގައި ފޮރުވިފައި ފިލާ ތިބި ބައެއް ހޯދާ އެކަމުން ޤައުމު ސަލާމަތްކުރަން ޖެހޭކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަނީ މި މައްސަލާގައި އެކި ވާހަކަތައް ދެކެވެމުން އައިސް މައްސަލައިގެ އަސްލު ގެއްލި މުޅިން އެހެން ދިމާލަކަށް އަމާޒި ހިފާފައި ހުރިތަން ކަމަށެވެ. އެކި ވާހަކަތައް ފެތިރުމުގެ ބަދަލުގައި މިވަގުތު އަމާޒަކަށްވާންވީ، އެފަދަ ކަންކަން ރާއްޖޭގައި ހިނގިޔަނުދީ އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްއެންޑީއެފްއިން ވަކިވަކި ސިފައިން ގެންދިއުމާއި ބެހޭގޮތުން ނެރެފައިވާ ބަޔާނަކީ އެމްއެންޑީއެފްގެ ޤާނޫނާއި ހަވާލާދީ ނެރެފައިވާ ބަޔާނެއް. އެހެން ވީމާ އެބޭފުޅުން ނެރުއްވާފައިވާ ބަޔާނާއި އެކީގައި، ކޮމިޓީއަށް އެއްބާރުލުން ދެއްވާކަމަަށް، މުޤައްރިރުވަނީ ވިދާޅުވެފަ. އަދި ރައީސް ނަޝީދަށް އެގިވަޑައިގަންނަވާނެ އަޅުގަނޑު އެޔަކަށް ހުރަސް ނާޅުއްވާނެކަންވެސް. އެމަނިކުފާނު އެހެން ވިދާޅުވެފައި ވީނަމަވެސް.
– ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގާ ޕާލިމެންޓަރީ އިންކުއަރީއަށް ސަރުކާރުން ހުރަސް އަޅާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އިންކުއަރީ ކުރިއަށްދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތިކަން 241 ކޮމިޓީގެ މުޤައްރިރުގެ ޔަގީންކޮށްދެއްވާފައިވާކަމަށެވެ. އަދި ސަރުކާރުން އެއްބާރުލުން ލިބެމުންދާކަންވެސް ކޮމިޓީން ހާމަކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިހާރު މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް ވާހަތައް އެބަކެވޭ. އެހެން ނުހެއްދެވުމަށް އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ރާއްޖެއަށް އެފަދަ ކަންތައްތައްވިޔަ ނުދިނުމަށް. ކާކުތޯ އެކަމެއްކުރީ. ކޮންބައެއް ބުނެގެންތޯ އޭގައި، ޚަރަދުކޮށްފައި ނުވަތަ ފައިސާ ޚަރަދުކޮށްފައިވަނީ، ނޫނިއްޔާ އެހެން ބަޔަކު އޭގައިވޭތޯ. ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އޭގައި ނެއްޓި އެހެން ދިމާލަކަށް ދެވޭތަން. އެހެން ނެހެއްދެވުމަށް އަޅުގަނޑު އެދެން.
– ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި ސެކިއުރިޓީ ސިފައިންނަށް ބަސް ނުބުނެވެގޮތަސް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ވިދާޅުވެ، ވަކިވަކި ފުލުހުންގެ މައްސަލަ ނުބެލޭނެކަމަށް އެމްއެންޑީއެފް އިން ބުނެފައިވާ ބުނުމަށް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައްދު ދެއްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަގޮތް ފޮރުވުމަށްޓަކައި، ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެކަމަށެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި މޮޅެތި ސިފައިންނަށް، އެމީހުންގެ ބަސް ނުބުނެވޭގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށްވެސް ރައީސް ނަޝީދު ދެއްވި ރައްދުގައި ވިދާޅުވިއެވެ.
މިދިޔަ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރިއަށް ހާޒިރުކުރާ ވަކިވަކި ފުލުހުންނާއި ސިފައިންނަށް އަދި ސަރުކާރުގެ މުވައްޒަފުންނަށް ފިޔަވަޅު ނޭޅުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241)ކޮމިޓީން ވަނީ ބުނެފައެވެ. އެ ކޮމިޓީއަށް ވަކިވަކި ފުލުހުންނާއި ސިފައިން ޙާޒިރުކޮށް މިމައްސަލައިގެ އެންމެ ފުނަ ދިޔުމަށް ސުވާލުކޮށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެކަމަށްވެސް އެ ކޮމިޓީން ބުނެފައިވެއެވެ.
ނަމަވެސް ކޮމިޓީގެ އެވާހަކަތަކަށް ރައްދުދީ އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައިވަނީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމެޓީތަކަށް މަޢުލޫމާތު ދިނުމާ ގުޅޭގޮތުން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަނީ ސަލާމާތީ ޚިދުމަތްތަކާ ޙަވާލުވެ ހުންނަވާ ވަޒީރުކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.
އަދި ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާ ގޮތާމެދުގައާއި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ހިނދު ޗިފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށްކަމަށް ޤާނޫނުގައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެެ.
މީގެ އިތުރުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމުގައި ބަޔާންކޮށްފައިވާތީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ޚައިރާކީއާއި ސިފައިންގެ “ޗެއިން އޮފް ކޮމާންޑް”އާއި “ކޮމާންޑް އެންޑް ކޮންޓްރޯލް” އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާ ޚިލާފް ކަމެއްކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ