ރައްޔިތުންގެ މަޖިލީހިގެ ރައީސް އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީ ބްރީޗުވިގޮތް ބެލުމަށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ހިންގާ ޕާލަމެންޓަރީ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅުއްވާނެކަން ރައީސް މުޙައްމަދު ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މި މައްސަލައިގެ އިންކުއަރީ ހިންގާ 241 ކޮމިޓީއަށް ވަކިވަކި ސިފައިން ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް ސޯލިހް ލޮބީކުރައްވައިގެން ކަމަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތު ތަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އިންކުއަރީ އެންމެ ފުރިހަމައަށް ގެންދިއުމަށް ސަރުކާރުން ވެސް އެދޭ ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާކަން މައްސަލަ ކުރިއަށް ގެންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވެސް ދާދިފަހުން ޕްރެސްއެއްގައި ވިދާޅުވި ކަމަށެވެ. އަދި އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުވާން ނިންމި ނިންމުމަކީ ސިފައިންގެ ގާނޫނާއި އެއްގޮތަށް އެ މުއައްސަސާއިން ނިންމާފައިވާ ނިންމުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނަޅާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފަ އޮތްނަމަވެސް" – ރައީސް
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން އުޅުއްވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި ސިއްރުކުރަން އުޅެނީ ކޮންކަމެއްތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ.
މި މައްސަލާގައި އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ހޫނުވެ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެސް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބައެއް މެމްބަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ