އެމްއެމްޕީއާރުސީގެ ބައިނަލް އަޤުވާމީ ތަޚްޤީގެއް ކޮށްފިނަމަ މިސަރުކާރެއް ނޯންނާނެ: ސައީދު

އެމްއެމްޕީއާރުސީގެ ބައިނަލް އަޤުވާމީ ތަޚްޤީގެއް ކޮށްފިނަމަ މިސަރުކާރެއް ނޯންނާނެ: ސައީދު

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 08:19
0

އެމްއެމްޕީއާރުސީގެ ތަޚްޤީޤު ހާމަކަންބޮޑުކޮށް ބައިނަލް އަޤުވާމީ ތަޚްޤީގެއް ހިންގައިފިނަމަ މިސަރުކާރު ދެމި އޮތުމާއި ދޭތެރޭގައިވެސް ސުވާލު އުފެދޭކަމަށް ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ މިއަދު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ދައްކަނީ ވަކިވަކި މީހުންނަށް ބިރުދެއްކުމުގެ މަޤްސަދުގައި ކަމަށެވެ. ސައީދު ވިދާޅުވީ އެއްވެސް އިޚުލާސްތެރި ނިޔަތެއް އޮވެގެން މިސަރުކާރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ނުބަލާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ މިސަރުކާރުގެ މިވީ މުއްދަތުގައި ނުބެލި ފެއިލްވަމުންދާއިރު، ސައީދުވަނީ މިމައްސަލަ ބައިނަލް އަޤުވާނީ ތަޚްޤީޤީ އިދާރާތައް މެދުވެރިކޮށް ބަލައި ދިނުމަށް އެދިވަޑައިގެންފައެވެ. އެފްބީއައި، އާއި އެނޫންވެސް ދުނިޔޭގެ ބޮޑެތި ތަޚްޤީ އިދާރާތައް މެދުވެރިކޮށް މިމައްސަލަ ތަޚްޤީޤު ކުރުމަށް ސައީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ހާމަކަންބޮޑު ބަނައިލް އަޤުވާމީ ތަޚްޤީގެއް އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިންގައިފިނަމަ މިއަދު މިއޮތް ސަރުކާރު ސައްޚަ ކަމާއި، މިސަރުކާރު އޮތުމާއި ދޭތެރޭވެސް އަޅުގަނޑުމެން ސުވާލު އުފެދޭ. އާޚިރުގަ މިއަދު ކަންހިނގިގޮތް ކަންވީގޮތް ބައްލަވާ. ދިވެހިރާއްޖޭގެ ތާރީހުދުށް ދިވެހި ރާއްޖެ ތަރައްޤީކުރި، ރާއްޖެ ބިނާކުރި، ރައްޔިތުންގެ ލޯބި އެކަކަށް އެންމެ ގިނައަދަކަށް ހޯއްދެވި، ރާއްޖޭގެ އެންމެ ވަރުގަދަ ޝަހުޝިއްޔަތު ގެންގޮސް ޖަލުގައި އެބާއްވަނީ ސީދާ ރައީސް ޞާލިހުގެ ނުފޫޒު އޮވެގެން.

– މުހައްމަދު ސައީދު

ސައީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން އުޅެނީ ރާއްޖެ ވިއްކާލުމަށް ކުރަމުންދާ ކަންކަން ރައްޔިތުންނަށް ހެއްކާއިއެކު ހާމަކޮށް ހަގީގަތް ހާމަކޮށްދެއްވާނެކަން މިސަރުކާރަށް ޔަގީންވާތީކަމަށެވެ. ރައީސް ޔާމީންއަކީ ދިވެހި ޤައުމާއި ފަސްގަނޑަށް ގެއްލުންވާ އެއްވެސް ކަމަކަށް ތަރުހީބު ދެއްވާނެ ބޭފުޅެއް ނޫންކަން މިސަރުކާރަށް ސާފުވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި 70،000 އަށްވުރެ ގިނަ މެސެޖް އާންމު ކުރައްވާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.