ހުޅުމާލޭގައި އިތުރު ކޯވިޑް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ކޯވިޑް ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ވިދާޅުވީ ތަޖުރިބާ ކާރުންގެ ލަފަޔާއެކު ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުވެސް ކޯވިޑްގެ ބަލިމަޑުކަމާއިއެކު އުޅެންޖެހިދާނެ ކަމަށް ދުނިޔޭގެ ގިނަ ގައުމުތަކުންވެސް މިހާރު ލަފާކޮށްފައި ވާކަމަށެވެ.
އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިއަށް އޮތް 2 އަހަރުވެސް އުޅެވޭނެ ފަދަ ހާލަތަށް ތައްޔާރުވުން ކަމަށެވެ. އެގޮތުން ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަމަށެވެ.
ޕްލޭންކޮށް ކުރަހާ ނިމި އެމަސައްކަތުގައި މިހާރު މި އުޅެނީ. ހަމަ ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހަށް ތައްޔާރުވުމަށް. މިހާރު ހުރި ފެސިލިޓީތައްވެސް އަޕްގްރޭޑް ކުރުމުގެ ޕްލޭންތަކެއް ވަނީ ރޭވިފަ"
– ނަސީމް
ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް މިހާރު ކޯވިޑް-19 އަށް ހާއްސަ މެޑިކަލް ފެސިލިޓީ ވަނީ ގާއިމްކޮށްފައެވެ. އެގޮތުން ހަމައެކަނި މެޑިކަލް ފެސިލިޓީތަކަށް މިހާތަނަށް 1.7 ބިލިއަން ރުފިޔާ ދަޢުލަތުން ވަނީ ހަރަދުކޮށްފަ އެވެ.
މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު މުޅި ރާއްޖޭގައި 600 އަށް ވުރެ ގިނަ އެނދު ކޯވިޑް ބަލި މީހުނަށް ހާއްސަކޮށް ބަހައްޓާފައި ވާއިރު ޖުމްލަ 95 ވެންޓިލޭޓަރު ހަމައެކަނި ކޯވިޑް ހާއްސަކޮށް މިހާރުވެސް އޮޕަރޭޝަންގައި އެބަހުރި ކަމަށެވެ.
ކޮމެންޓު ފޮނުވާ