އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށްޓަކައި، މިމަހުގެ 13 ވަނަ ދުވަހު ހުޅުވާލާނެކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ. އޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެއޮފީހުން އެންމެބޮޑު އިސްކަމެއްދޭނީ މައްސަލަތައް ތަހުގީގްކޮށް، ދައުވާ ކުރުމުގެ ބަދަލުގައި، ހުށަހެޅޭ މައްސަލަތަކުގައި ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ކަމަށެވެ.
އެއޮފީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮމްބަޑްސްޕަރސަން ޢަބްދުއްސަލާމް ޢާރިފް ވިދާޅުވެފައިވަނީ ޤާނޫނު ވުޖޫދަށް އައީ ވަކި ވެރިކަމެއްގެ ކަންކަން ބަލާކަށްނޫންކަމަށެވެ. އެއޮފީހުން ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާއިރު، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފު އޮފީހުގެ އޮމްބަޑްސްޕަރސަން އަލްއުސްތާޒާ ޖިހާދާ އަނީސް ވިދާޅުވީ 1953 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ އެކި މައްސަލަތަކަށް އިންސާފު ހޯދުމުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ކުރުމަށްކަމަށެވެ. އަދި ޤާނޫނުވެސް ބާރުއަޅަނީ އެގޮތަށް ކަމަށާއި، ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އެމަސައްކަތްވެސް ކުރާނެކަމަށް ޖިހާދާ ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، މައްސަލަތައް ބެލުމަށްޓަކައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ޙައްލުތައް ހޯދައި ދިނުމެވެ.
ކޮމެންޓު ފޮނުވާ