އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ދެވުނު ނުރައްކާތެރި ހަމަލާއާއި ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ސެކްރެޓަރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން މިރޭ ޒޫމް މެދުވެރިކޮށް، ޤައުމީ މަޖިލިސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިބައްދަލުވުން ބޭއްވުމުގެ އެންމެބޮޑު ބޭނުމަކީ ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން "މޭ ހަޔެއް" ޤަރާރަށް ގޮތެއް ނިންމުމެވެ.
Gaumee Majlis ge Jalsa eh 10/6 vaa Buraasfathi dhuvahuge rey 9:00 gai Zoom medhuverikoh onnaane.
Agenda: 06 May gai Party ge Raees, Raees Mohamed Nasheed ah dhin terrorist hamalaa aai gulhigen hushahalhaa "May Hayeh Qaraar" ah gotheh nimmun.
— MDP Secretariat (@MDPSecretariat) June 8, 2021
ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްމަސް ހަމަވާ ދުވަހާއި ދިމާކޮށް ފުލުހުން ވަނީ ނިއުސް ކޮންފަރެންސެއްވެސް ބާއްވާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން އިތުރު މާބޮޑު ތަފްސީލެއް މި ޕްރެސްގައި ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކުރި ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހަރަުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މި ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ހަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ. އަދި މިކަމަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ