ޕާކިން މައްސަލަ ހައްލު ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދޫކުރަނީ

ޕާކިން މައްސަލަ ހައްލު ކުރުމަށް އިންޑަސްޓްރިއަލް ވިލެޖުން ޖާގަ ދޫކުރަނީ

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 11:50
0

މާލެ ސަރަހައްދުގައި ދިމާވެފައިވާ، ޕާކިން މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާއިމްކޮށް ދެއްވި އިންޑަސްޓްރިއަލް ވިލެޖުގައި ޕާކްކުރެވޭނެ ހާއްސަ ސްލޮޓްތަކެއް ހަދައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާ ކުރެއްވުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގެ ކަންކަން މިހާރަށްވުރެ ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ އެތަނުގެ ޕްލޭންތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މޭޔަރ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމަށްފަހު އެތަނަށް އިތުރަށް ކުނިއެޅުމުގެ ފުރުޞަތު ނުދޭނެކަމަށެވެ. އަދި އެ ސަރަޙައްދުގެ ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އެތަނުގައި ފުލުހުންގެ ޕޯސްޓެއް ބެހެއްޓުމަށް ނިންމާ، ފުލުހުންނާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި އިންޑަަސްޓްރިއަލް ވިލެޖުގައި ހުރި ވެލި ފުނިތަކާއި، ހުރިހާ ކުނިބުނިތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެ މަސައްކަތް އެންމެ ލަސްވެގެން 2 ހަފްތާއެއްގެ ތެރޭގައި ނިންމާލެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދަނީ ވެމްކޯއާއި ޕަބްލިކް ވޯކްސް ގުޅިގެންނެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިހާރުވެސް ގިނަ އަދަދެއްގެ ވެހިކަލްތައް ޕާކުކޮށްފައިވާކަން ފާހަގަކުރައްވަމުން މޭޔަރ ވިދާޅުވީ، އެތަނުގެ ހަޤީޤީ ޕްލޭނާ އެއްގޮތަށް ސިނާޢީ މަސައްކަތްކުރާ ތަންތަން އެ ސަރަހައްދަށް ބަދަލުކުރެވެންދެން އެތަނުން ސިޓީ ކައުންސިލަށް އާމްދަނީ ލިބޭނެފަދަ ގޮތަކަށް ކަންކަން ކުރުމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅޭކަމަށެވެ. އެގޮތުން ކާރާއި ޕިކަޕާއި ހެވީ ވެހިކަލްތަކަށް ޕާކުކުރުމަށް ވަކި ސްލޮޓްތަކެއް ކަނޑައަޅާ، ވަކި ޢުޞޫލެއްގެ މަތިން އެތަންތަން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށް މޭޔަރ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލެތެރޭގައި ހުރި ސިނާޢީ މަސައްކަތް ކުރާ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެފަދަ ތަންތަނާއި ގުޅޭ މައުލޫމާތު އެއްކުރުމަށް ޙާއްސަ ޕޯޓަލްއެއް މާލޭ ސިޓީ ކައުންސިލުން ވަނީ ޤާއިމުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.