މަރުތަކަށް އިންސާފު ހޯދަން މިސަރުކާރުން މަސައްކަތް ނުކުރާކަން އާއިލާތަކަށް އެނގޭ: ޝިޔާމް

މަރުތަކަށް އިންސާފު ހޯދަން މިސަރުކާރުން މަސައްކަތް ނުކުރާކަން އާއިލާތަކަށް އެނގޭ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
08 ޖޫން 2021 11:40
0

މަރުތަކަށް އިންސާފު ހޯދަން މިސަރުކާރުން މަސައްކަތް ނުކުރާކަން އެ އާއިލާތަކަށް މިއަދު ޔަގީން ކުރެވިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރުގެ ވެރިކަމަށް އައީ އެތައް ހުވަފެންތަކެއް ރައްޔިތުންނަށް ދައްކައިގެކަމަށެވެ. ޚާއްސަކޮށް ދަތިހާލުގައި ތިއްބެވި އެތައް އާއިލާތަކަށް ކުލަހުވަފެން ދައްކައިގެންކަމަށެވެ. ގޮތްނޭގޭގޮތަށް މަރުވެ ގޮސްފައިވާ މީހުންނާއި، މަރާލާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދޭނެކަމަށް މިސަރުކާރުން ވައުދުވެފައިވާކަމީ ފެންނަން އޮތް ހަގީގަތެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ މަރުތަކުގެ މައްސަލަތަކުގައި މިހާރު އެއާއިލާތަކަށްވެސް މިސަރުކާރުން އަމަލުކުރަމުންދާގޮތް ސާފުވެފައިވާކަމަށެވެ. އިންސާފު ހޯދަން އެއްވެސް ކަމެއް ނުކުރާއިރު، ބޮޑެތި ކޮމިޝަންތައް ހަދައިގެން ފައިސާ ޚަރަދު ކުރުން ނޫންކަމެއް މިސަރުކާރަށް ކުރެވިފައިނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރު ކޮމިޝަނުން މިހާތަނަށް ތައްޔާރުކުރި ރިޕޯޓުތަށްވެސް މަޖިލީހުން އާންމު ކުރުމުން ކުރި މަސައްކަތްވެސް ބޭކާރު ވެފައިވާކަމަށެވެ. މިމަރުތަކުގެ އިތުރުން މިއަދު ކޯވިޑް-19ގައި 190 އަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފައިވާއިރު، މިއިން ކޮންމެ މަރެއްގައި އެތައް އިހުމާލެއްވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޯވިޑްގައި މިހާތަނަށް ނިޔާވި މީހުންނަށް އެކަށީގެންވާ ފަރުވާ ނުދިނުމާއި، ވެކްސިން ނުދިނުމުގެ ކަންބޮޑުވުމަކީ މިއަދު ހާމަވެ ފެންނަން އޮތް ކަމެއްކަމަށެވެ.

މިކަމަކީ މިހާތަނަށް އާންމުކޮށްފައިވާ ރިޕޯޓްތަކުންވެސް އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިހުމާލު ފެންނަން އޮތް ކަމަކަށްވާއިރު، މިކަމުގައި އެބޭފުޅުން ޖަވާބު ދާރީކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަރުވެދިޔަ މީހުންގެ އާއިލާތަކުން ކުރަމުންދާ ހިތާމައަށް އަލިމަގެއް ހޯދައި މިމަރުތަކަށް އިންސާފު ލިބުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.