ކެންސަރު ބަލީގެ ފަރުވާހޯދާ ފަރާތްތަކުގެ ކަންބޮޑުވުންތައް ނައިބް ރައީސާއި ޚިއްސާކޮށްފި

ކެންސަރު ބަލީގެ ފަރުވާހޯދާ ފަރާތްތަކުގެ ކަންބޮޑުވުންތައް ނައިބް ރައީސާއި ޚިއްސާކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 އޮކްޓޯބަރ 2020 07:08
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ސަރުކާރުގެ ކަމާގުޅޭ އިދާއިރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި ކެންސަރަށް ފަރުވާހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އެ މަނިކުފާނު ވަނީ ކެންސަރު ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނަށް ކެންސަރ ސޮސައިޓީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެ ޖަމުޢިއްޔާގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކެންސަރު ބައްޔާއި އަދި އެ ނޫން ވެސް އެ ފަދަ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަމަށް މިހާރަށްވުރެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން ބައްދަލުކުރެއްވުމުގެ ބައިވެރިންނާއެކު މަޝްވަރާކުރައްވާފައެވެ. އަދި ފަރުވާހޯދުމުގައި ބަލިމީހުންނަށް މިހާރު ކުރިމަތިވާ ދަތިތައް ޙައްލުކުރުމުގައި ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ކެންސަރު ބައްޔަށް ފަރުވާހޯދާ މީހުންނަށް ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާއި، އެ ބައްޔާމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ބައިވެރިވެ ވަޑައިގެންނެވި ޞިއްޙީ ދާއިރާގެ އިސްވެރިން ވަނީ ކެންސަރު ބަލީގެ ފަރުވާގެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުން ތަމްޞީލުކުރައްވާ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި، އަދި މިހާރު ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.