ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ވިދާޅުވި މައްސަލަ ބަލަނީ

ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ވިދާޅުވި މައްސަލަ ބަލަނީ

Author
މުޙައްމަދު ޖިމީ
08 ޖޫން 2021 10:33
0

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން މަރާލިޔަސް ފާފަވެރިނުވާނެކަމަށް، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވި މައްސަލަ ސިފައިންނާއި ފުލުހުންނަށް ހުށައަޅައިފިއެވެ.

މިމަހުގެ 6 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމަށްފަހު، މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހުތުރުބަހުން ވާހަކަ ދެއްކެވި މައްސަލައެއް ހިސާން ވަނީ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

މިކަމާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަކީ "ދަންޖައްސަން ޖެހޭ މީހެއް ކަމަށާއި މަރާލިޔަސް ފާފަވެރި ނުވާނެ" ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ވިދާޅުވި މައްސަލަ ފުލުހުންނަށާއި، އެމްއެންޑީއެފްއަށް ހުށައަޅާފައިވާކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށްވެސް ފޮނުވާފައިވާކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ. މެންބަރު ޙިސާން ޙުސައިންއަށް ނިސްބަތްކުރައްވާ މެންބަރު ސިޔާމް ވިދާޅުވި ވާހަކަފުޅު މަޖިލީހުން ކުއްވެރިކުރާކަމަށްވެސް ޙަސަން އަފީފް ވިދާޅުވިއެވެ.

ސިޔާމްގެ އެ ވާހަކަފުޅާއި ގުޅޭގޮތުން ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިކުރުގެ ގޮތުން އެއް މެމްބަރަކު އަނެއް މެމްބަރަކާ ތަފާތު ހިޔާލުތައް ގެންގުޅެވޭނެ ކަމަށެވެ. ނަމަވެސް ނާތަހުޒީބުކަން އިސްކޮށް އަނިޔާވެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ މެންބަރަކު ވާހަކަ ދައްކައި އަނިޔާވެރިވާން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ހިސާން ވިދާޅުވިއެވެ. އަދި ސިޔާމްގެ ޢަމަލުގެ ސަބަބުން މަޖިލީހުގެ އިދާރާއަކީ ރައްކާތެރި މާހައުލެއް ކަމުގެ އިހްސާސް ގެއްލިފައިވާކަމަށްވެސް ޙިސާން ވިދާޅުވެފައިވެއެވެ.

ހިސާންއަށް އަމާޒުކޮށް ސިޔާމް ދެއްކެވި ކަމަށް ބުނާ ވާހަކަތަތަކުގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.