ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަފަހު، ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި ޝާހިދު އެންމެ ފުތަމަވެސް، ދިވެހި ބަހުން ތަގުރީރު ކުރައްވައިވިއެވެ.
ޢާއްމު މަޖިލީހުގެ ރިޔާސަތުގެ ވޯޓުލުން އޮތީ މިއަދު، (ރާއްޖޭގެ ގަޑިން މިރޭގެ އިރާކޮޅު) ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިފައިވަނީ، 48 ވޯޓެވެ.
ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށްފަހު ދިވެހި ބަހުން ދެއްވި ތަގްރީރުގައި ޝާހިދުވަނީ ދިވެހިރާއްޖެއަށް މި ފަޚުރާއި ޝަރަފު މިންވަރު ކުރެއްވިކަމަށްޓަކައި އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތަށް ހަމްދާއި ޝުކުރު ދަންނަވާފައެވެ.
އަދި އިތުރަށް ޝާހިދު ވިދޅުވި ގޮތުގައި، މިއަދު ދުނިޔޭގެ ހުރިހައި ޤައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން ކަމުގައެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒަޢާމަތަށް މުޅި ދުނިޔެ ތަރުހީބު ދެމުންދާކަމުގެ ހެއްކެއް ކަމުގައި ވިދާޅުވެ، ޝާހިދު ވިދާޅުވީ، މި ކާމިޔާބީން ރަމްޒު ކޮށްދެނީ ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވާކަން ކަމުގައެވެ.
ފޮރިންގ މިނިސްޓަރުގެ ފާހަކަ ފުޅުގައި ވަނީ، މިއަދު މުޅި ދިވެހިރާއްޖެއަށް މި ލިބިގެންދިޔަ ފަޚުރަށްޓަކައި، މި ލިބިގެންދިޔަ ޝަރަފަށްޓަކައި، މި ލިބިގެންދިޔަ އިތުބާރަށްޓަކައި، އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައި ދުނިޔޭގެ ހުރިހައި ޤައުމަކަށް ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.
އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.
ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ