ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަން ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފި

ޔޫއެން ޖެނެރަލް އެސެމްބްލީގެ ރައީސްކަން ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ކާމިޔާބު ކުރައްވައިފި

Author
ހުސެއިން
07 ޖޫން 2021 08:59
0

ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ކާމިޔާބު ކުރައްވައިފިއެވެ. ޢާއްމު މަޖިލީހުގެ ރިޔާސަތުގެ ވޯޓުލުން އޮތީ މިއަދު، (ރާއްޖޭގެ ގަޑިން މިރޭގެ އިރާކޮޅު) ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައެވެ.

މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިފައިވަނީ، 48 ވޯޓެވެ.

ވަރަށް ތަނަވަސް އައުލަބިއަޔަތަކުން ފޮރިންގ މިނިސްޓަރ ޝާހިދު މި އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވަނީ ޝާހިދަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޔޫއެންގެ 76ވަނަ ދައުރުގެ ރިޔާސަތަށް ޝާހިދު އިންތިޚާބު ވެވަޑައިގަތުމަކީ، ދިވެހި ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އަދި މިމަގާމުގައި ހުންނަވައިގެން ދިވެހި ރާއްޖެ ފަޚުރުވެރިވާނެ ފަދަ ޚިދުމަތްތަކެއް ކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމުގައެވެ.

 

2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.

އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.