މާލެއިން ރަށްރަށަށް ދިއުން ހަރުކަށި ކޮށްފި

މާލެއިން ރަށްރަށަށް ދިއުން ހަރުކަށި ކޮށްފި

ކޯވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެއިން ރަށްރަށަށް ދިއުމަށް އޮންނަ އުސޫލު، އެޗްޕީއޭ އިން ހަރުކަށިކޮށްފި އެވެ.

ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ދިއުން މަނާކޮށް، ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ރޭ އިއުލާނުކުރި އިރު މި މަހު ފަހުކޮޅު ސްކޫލް ކުދިންގެ ބޮޑު ޗުއްޓީ ފެށޭނެ އެވެ. އެއަށްފަހު ސްކޫލްތައް ދެން ހުޅުވޭނީ އަންނަ އޯގަސްޓް މަހުގެ 10 ގަ އެވެ.

އެޗްޕީއޭގެ އިއުލާނުގައި ބުނެފައި ވަނީ މާލެއިން ރަށްރަށަށް ދިއުން ހަރުކަށިކުރަން ނިންމީ ރާއްޖޭގެ ގިނަ ރަށްރަށުގައި ވަރަށް ބާރު ސްޕީޑްގައި ކޯވިޑް ފެތުރެމުން ދާތީ އެކަން ކޮންޓްރޯލްކުރުމަށް ކަމަށެވެ.

ރަށްރަށަށް ދާން ހުއްދަ ދޭނީ ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ މީހުންނަށް އެކަނި ކަމަށާއި އަދި މިހާރު ވެސް އޮތް ގޮތަށް، ކޮންމެ މީހަކު ވެސް ރަށުގައި 14 ދުވަސް ކަރަންޓީނުގައި ހުންނަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ނަމަވެސް މި އުސޫލުގައި، ސްކޫލް ޗުއްޓީގައި ރަށަށް ދިއުމަކީ ޒަރޫރީ ބޭނުމެއް ކަމަށް ނުބަލާނެ ކަމަށް ބުނެފައި ވާތީ، ޗުއްޓީ ލިބިގެން ނުވަތަ ކިޔެވުން ވަގުތީގޮތުން މެދުކެނޑިފައިވާ މީހުންނަށް ރަށަށް ދާން ހުއްދަ ނުލިބޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މާލޭން ރަށްރަށަށް ދާން ހުއްދަ ދޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާންޖެހިފައިވާ މީހުންނާއި އެފަދަ މީހަކާ އެކު ދާން ޖެހޭ މީހުންނާއި، ވަޒީފާ ނުވަތަ މަސައްކަތް ހުއްޓާލަން ޖެހިގެން މާލޭގައި އިތުރަށް ތިބެން ދަތިވެފައިވާ މީހުންނަށާއި މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމިގެން ރަށަށްދާ މީހުންނަށެވެ.

މީގެ އިތުރުން އާއިލާ މީހަކު ބަލިވުން ނުވަތަ އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންކަމާ ގުޅިގެން ރަށްރަށަށް ދާން ޖެހޭ މީހުންނަށް ހުއްދަ ދޭ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.

އަދި ޒަރޫރީ މިފަދަ ބޭނުމަށް ރަށްރަށަށް ދާ ފަރާތްތަކަށް "ހާލު ބެލުން ޕޯޓަލް" މެދުވެރިކޮށް އެކަމަށް އެދެވޭނެ އިންތިޒާމް އެޗްޕީއޭ ވަނީ ހަމަޖައްސާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *