ފީފާ ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ މައްޗަށް ސީރިއާއިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ދުބާއީގައި މިރޭ ކުޅުނު މި މެޗު ސީރިއާއިން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ. މި 4 ލަނޑުގެ ތެރެއިން 3 ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނަ ޔަގީން ކުރުމާއި ގާތަށް ސީރިއާ މި ވަނީ ޖެހިލާފައެވެ.
ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ މިހާތަނަށް ކުޅުނު 6 މެޗުންވެސް މޮޅުވެގެން ހޯދި 18 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ދެވަނައިގައި 5 މެޗު ކުޅެގެން ލިބުނު 10 ޕޮއިންޓާއެކު އޮތީ ޗައިނާއެވެ، އަދި 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު ފިލިޕީންސް 3 ވަނައިގައި އޮތްއިރު، 4 ވަނައިގައި ރާއްޖެ އޮތީ 6 މެޗު ކުޅެގެން ލިބުނު 6 ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި އޮތީ ގުއާމްއެވެ.
މިރޭގެ މެޗަށް ރާއްޖޭ ނުކުތީ ތަޖުރިބާކާރު ފޯވާޑް ޢަލީ އަޝްފާގު ނުލައެވެ. އެއީ މީގެ ކުރިން ކޯވިޑް-19 އަށް އަޝްފާގު ޕޮޒިޓިވްވެފައި ހުރުމުގެ ސަަބަބުންނެވެ. ނަމަވެސް މިއަދު ހެދި ޓެސްޓު ނެގެޓިވް ވުމުން ކުރިޔަށް އޮތް 2 މެޗުގައި އަޝްފާގު ފެނުމުގެ ފުރުޞަތު ބޮޑެއެވެ. އަޝްފާގު އިތުރުން ފަހަކަަށް އައިސް ޤައުމީ ޓީމުގެ ޑިފެންސްލައިންގައި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ހައިޝަމް ހަސަން ވެސް މިރޭގެ މެޗުގައި ކުޅެފެއް ނުވެއެވެ. އެއީ ކާޑު ހަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑް ވުމުންނެވެ.
މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައިވަނީ ސީރިއާ ޓީމުންނެވެ. ރާއްޖެ ޓީމަށް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެލަން ލިބުނީ މަދު ފުރުޞަތެކެއެވެ. މެޗުގައި ސީރިއާއިން ލީޑު ނެގީ 29 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މަހުމޫދު އަލް-މަވާސްއެވެ. ސީރިއާއިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ ރާއްޖޭގެ ކެޕްޓަން އަކުރަމް ޕެނަލްޓީ އޭރިޔާ ތެރެއިން ސީރިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެއެވެ، މި ޕެނަލްޓީ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، އައިއަސް އޮސްމަންއެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރާއްޖޭގެ ސަމޫހް ޢަލީ އަތުގައި ބޯޅަ ޖެހުމުން ދެވަނަ ޕެނަލްޓީއެއް ސީިރިއަށް ވަނީ ލިބިފައެވެ. އެގޮތުން މި ސީރިއާގެ މަހުމޫދު އަލްމަވާސް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް 0-3 އަކަށް ނަތީޖާ ބަދަލުކޮށްލާފައެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރާއްޖެއަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެގޮތުން އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސީރިއާގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. މެޗުގެ 72 ވަނަ މިނެޓުގައި ސީރިއާއަށް އިތުރު ޕެނަލްޓީއެއް ދިންއިރު، މި ޕެނަލްޓީ ކާމިޔާބުކޮށް އަލް-މަވާސް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ މުޙައްމަދު ސާއިފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުގެ 85 ވަނަ މިނެޓުގައި ސީރިއާގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެ ގައުމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ ސީރިއާގެ މުޙައްމަދު އަޖާނަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޕެނަލްޓީއެއް ހޯދުމަށް އޭރިޔާ ތެރެއިން ޑައިވްކުރި ކަމަށް ބެލުމަށްފަހުއެވެ.
ކޮލިފިކޭޝަންގައި ރާއްޖޭ ޓާގެޓަކީ އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައި ވުމެއެވެ. ގްރޫޕް އޭގައި ރާއްޖެ ދެން ކުޅެން ޖެހޭ މެޗުގައި އަންނަ ހުކުރު ދުވަހުގެ ރޭ ނުކުންނާނީ ވަރުގަދަ ޗައިނާއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ