ސީރިއާ މެޗަށް ނުކުންނައިރު، ގިނަ ގޮންޖެހުންތަކެއް އެބަހުރި: ކޫޕްމަން

ސީރިއާ މެޗަށް ނުކުންނައިރު، ގިނަ ގޮންޖެހުންތަކެއް އެބަހުރި: ކޫޕްމަން

Author
ޔޫސުފް
03 ޖޫން 2021 08:38
0

ވަރލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި ސީރިއާ ދެކޮޅަށް ނުކުންނައިރު ގިނަ ގޮންޖެހުންތަކެއް، އެބަހުރި ކަމަށް ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮނާލްޑް ކޫޕްމަން ބުނެފިއެވެ.

ކޮލިފިކޭޝަންގައި ކުރިޔަށް އޮތް މެޗުތައް މާދަމާ ދުބާއީގައި ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ސީރިއާއެވެ. ކުރިން މި މެޗުތައް ކުރިޔަށްގެންދަން ނިންމާފައި އޮތީ ސެންޓްރަލައިޒްކޮށް ޗައިނާގައެވެ. ނަމަވެސް ދުބާއީގައި ތިބި ސީރިއާ، ފިލިޕީންސް އަދި ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން ޗައިނާއަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޗައިނާއަށް އެތެރެވުމަށް ހުއްދައެއް ނުލިބުނެއެވެ. އެހެންކަމުން އޭއެފްސީން ނިންމީ ގްރޫޕް އޭގައި ބަކީ ހުރި މެޗުތައް ދުބާއީގައި ކުޅުމަށެވެ.

ކުރިން ޝެޑިއުލް އޮތް ގޮތުން ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން އޮތީ ޗައިނާއާއި ދެކޮޅަށެވެ. ނަމަވެސް ޝެޑިއުލަށް އައި ބަދަލުތަކާއެކު މިހާރު ޗައިނާ އާ ދެކޮޅަށް ނުކުންނާނީ ދެވަނަ މެޗުގައެވެ.

ކޮލިފައިންގައި މާދަމާ ރޭ ސީރިއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރި-މެޗް ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮނާލްޑް ކޫޕްމަން ބުނީ، މިވަގުތު ޓީމު އޮތް ހާލަތައް ބަލާއިރު މެޗު ސީރިއާ މެޗާއި ކުރިމަތިލާން ޖެހިފައިމިވަނީ ގިނަ ގޮންޖެހުންތަކަކާއި އެކުކަމަށެވެ. ނަމަވެސް މިހާރު އެ ވާހަަކަތައް ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ކޯޗު ބުންޏެވެ. މެޗަށް ނުކުންނައިރު ޤައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ޢަލީ އަޝްފާގު ކޯވިޑް-19 އަށް ޕޮޮޒިޓިވް ވުމުގެ ސަބަބުން ކުރިޔަށް އޮތް މެޗުތަކުގައި ނުކުޅުވޭނެއެވެ. އަދި މީގެ އިތުރުން މުހިއްމު 7 ކުޅުންތެރިއަކު ޕޮޒިޓިވްވެ މި މެޗުތަކުގައި ނުކުޅެވުމަކީ އިތުރު ބޮލުގައި ރިހުމެއް ކަމަށް ޕްރެސްގައި ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.

ކޫމްޕަން ޤައުމީ ޓީމުގެ ކޯޗުކަމާއި ހަވާލުވި ފަހުން ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީވެސް ސީރިއާ މެޗެއެވެ. ކޯޗު ބުނީ މި ހާލަތުގައި ދެން ނުކުންނަން މިތިބީ ޒުވާން ކުޅުންތެރިން ކަމަށާއި، މި ދަނޑިވަޅަކީ އެ ކުޅުންތެރިންގެ ހުރި ހުނަރު ދައްކަން ލިބޭނެ ފުރުޞަތު ކަމަށެވެ. ކޯޗު ބުނީ އިދިކޮޅު ޓީމުތަކުން ކުޅެފައި ހުރި ވީޑިއޯތަކަށް ބަލައިގެން ހަމައެކަނި މި މެޗުތަކަށް ތައްޔާރު ނުވާނެކަމަށެވެ. އަދި އެކަން ކުޅުންތެރިންނާއިވެސް ހިއްސާކޮށްފައިވާނެކަމަށާއި، މި މެޗުތަކުގައި މަސައްކަތް ކުރާނީ ކޯޗުގެ ގޭމް ޕްލޭނާއި އެއްގޮތަށް ކުޅެ ދަނޑުމަތީގައި ނަތީޖާ ނެރެން ކަމަށެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެއެވެ.

ކޮލިފައިންގައި ދިވެހިރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ގައެވެ. މި މެޗު ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.