ސިންގަލް ޔޫސް ޕްލާސްޓިކުގެ 8 ބާވަތެއް އެތެރެކުރުން މަނާކުރުމުން މަރުހަބާ ކިޔައިފި

ސިންގަލް ޔޫސް ޕްލާސްޓިކުގެ 8 ބާވަތެއް އެތެރެކުރުން މަނާކުރުމުން މަރުހަބާ ކިޔައިފި

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2021 05:00
0

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައިވާ 08 ބާވަތެއް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރެވިގެންދާތީ އެކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓްރީން މަރުހަބާ ކިޔައިފިއެވެ.

އެމިނިސްޓްރީން ބުނެފައިވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާޙައުލު ކިލަނބުވެ އެއްދުވަހުން އަނެއްދުވަހަށް  އަންނަނީ ތަޣައްޔަރުވަމުން ކަމަށެވެ. ދިވެހިރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން ޕްލާސްޓިކު ކުނީގެ ޝިކާރައަކަށްވެ، މި ރަށްތަކުގެ ރީތި އަތިރިމަތިތަކާއި، ސާފު ގޮނޑުދޮށާއި، އަދި ކަނޑުފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުތަކާއި އެހެނިހެން ޕްލާސްޓިކް ކުނި އަޅަމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ ޕްލާސްޓިކުގެ ސަބަބުން މި ނާޒުކު ތިމާވެށި ތަޢައްޔަރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބާވަތްތަކަކީ ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ބޭނުންކޮށް ގޮނޑުދޮށްތަކަށާއި، މޫދާއި ފަރު އަދި ކަނޑަށް އުކާލަމުންދާކަން ފާހަގަކުރެވިފައިވާ ބާވަތްތަކެވެ. އެގޮތުން، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ލިސްޓްގަ ހިމެނޭ ބާވަތްތައް އިމްޕޯޓްކުރުން މަނާކުރެވިގެންދާނީ އެކި މަރުހަލާ ތަކައް ބަހާލައިގެންނެވެ. އެގޮތުން، މި ލިސްގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގައި މިއަދު އިމްޕޯޓް ކުރުން މަނާކުރެވިގެންދާތަކެތީގެ ތެރޭގައި ހިމެނެނީ:

 

1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި

 

2- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.
   
3- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދައިފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް(.
4- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ.
5- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި.
6- ޕްލާސްޓިކް ދަނޑިކޮޅު ލައިފައިވާ ކަފަބުރު.
7- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި  ލޯޝަން ފުޅި.
8- ރާއްޖެއަށް އިމްޕޯޓު ކުރާ  500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން.

 

މިއަދުން ފެށިގެން 8 ބާވަތެއް އިމްޕޯޓު ކުރުން މަނާވެގެންދާއިރު، ދުނިޔެއަށް ދިމާވެފައިވާ  ކޯވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ އިޤްތިސާދީ މަޑުޖެހުމަށާއި އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަށްކޮށް، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ތަކެތީގެ ތެރެއިން ބައެއް ތަކެތި އިމްޕޯޓުކުރުން މަނާކުރާ ސުންގަނޑި އަށް މިއަދު ވަނީ ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރައްވާފައެވެ.

ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް އިމްޕޯޓުކުރުން މަނާކުރާ ސުންގަޑި 1 ޖޫން 2022 އަށް ފަސްކުރުމާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި މަނާ ކުރާ ތާރީޚް 31 ޑިސެންބަރު 2021 އަށް ފަސްކުރުން ހިމެނެއެވެ. އަދި،  50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ  ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅި އިމްޕޯޓުކުރުން މަނާކުރާ ސުންގަނޑި 1 ޑިސެންބަރު 2022 އަށް ފަސްކުރުން ހިމެނެއެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ވަނީ ނިންމަވާފައެވެ. މިކަން އިޢުލާން ކުރެއްވީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.