އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުންފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ހުށައެޅި އިޞްލާހު އޮތް ގޮތުން ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ އަކީވެސް އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާއިއެކު މީހަކާއި، ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރުދިނުން ނުވަތަ ބައިވެރިވުމަކީ ޖިނަޢީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ އިސްލާހެއް ހުށައަޅަފައެވެ. މިއާއެކު ދީނީ ޢިލްމުވެރިންނާއި، ޢާންމު ބައެއް ފަރާތްތަކުންނާއި، މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
މިބިލަށް ކަންބޮޑުވުން ފާޅު ކުރައްވައި، އަދި ބިލަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ މިބިލް މިހާރު މާނަކޮށްފައިވާގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އޮތްކަމަށެވެ. މިހާރު އޮތްގަތަށް ބިލް ފާސްވެއްޖެނަމަ ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.
މިބިލު މިހާރު ޑްރާފްޓްކޮށްފައި އޮތްގޮތަށް ފާސްކުރުމަށް ތާއީދުނުކުރެވޭ. މިބިލު އޮތްގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އެބައޮތް. ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ މިމީހާއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ.
– އުޝާމް ވިދާޅުވިއެވެ.
އެ އިޞްލާހުގައި މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުންވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުންވެސް އެއީ ކުށެެއްކަމަށް ބުނެފައިވެއެވެ. އެފަދަ ކުށެއް ކުރާ މީހަކު އެކުރަނީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ބުނެފައިވާއިރު، ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް އެންމެ ބޮޑު އަދަބަކަށް ދެވޭނީ ހަތަރު އަހަރަށް ޖަލަށްލުމެވެ. އަސާސީ މިންގަނޑުން އަދަބު ދޭ ނަމަ އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމެވެ.
މީގެ އިތުރުން މީހެއްގެ ނަސްލަށާއި އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށްވެސް ބުނެފައިވެއެވެ. އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު ޙިސާންގެ އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސް ބިލުގައިވެއެވެ.
ކޮމެންޓު ފޮނުވާ