ރާއްޖޭގެ ފުރަތަމަ މެޗު ސީރީއާއާ ދެކޮޅަށް

ރާއްޖޭގެ ފުރަތަމަ މެޗު ސީރީއާއާ ދެކޮޅަށް

Author
އިބްރާހީމް ސާޢިދު
01 ޖޫން 2021 11:06
0

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗު ޝެޑިއުލަށް ބައެއް ބަދަލުތައް ގެނެސްފި އެވެ.

ކޮލިފައިންގައި ބާކީ ހުރި މެޗުތައް ދުބާއީއަށް ބަދަލުކޮށްފައިވާއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. މީގެ ކުރިން އޭއެފްސީން ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ރާއްޖޭން ޗައިނާއާ ދެކޮޅަށް އަދި ހަތްވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅެން އޮތީ ހަމަޖައްސާފަ އެވެ. ފިލިޕީންސާ ދެކޮޅަށް ރާއްޖެ ނުކުންނަން އޮތީ މި މަހުގެ 15 ވަނަ ދުވަހެވެ.

މީގެ ކުރިން އޭއެފްސީން ވަނީ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ތާވަލުކޮށްފައެވެ.

އެހެންކަމުން 25 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލައި، ގައުމީ ޓީމުން އައީ އެ މެޗުތަކަށް ތައްޔާރުވުމަށް ދުބާއީގައި ތަމްރީނުތައް ހަދަމުންނެވެ. އެކަމަކު ރާއްޖެ އާއި، ފިލިޕީންސް އަދި ސީރިއާ ޓީމަށް ޗައިނާއަށް ދެވޭ ގޮތް ނުވުމުން، އޭއެފްސީން ވަނީ ކޮލިފައިންގައި ބާކީ އޮތް ހަތް މެޗު ދުބާއީއަށް ބަދަލުކޮށްފަ އެވެ.

މެޗުތައް ދުބާއީއަށް ބަދަލުކުރުމާއެކު، އޭއެފްސީން ވަނީ ޝެޑިއުލަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޝެޑިއުލަށް ގެނެވުނު ބަދަލާއެކު، ކޮލިފައިންގައި ރާއްޖެ އެންމެ ފުރަތަމަ ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗު މި މަހުގެ ހަތަރުވަނަ ދުވަހު ކުޅޭއިރު، މި މަހުގެ 11 ވަނަ ދުވަހު ކުޅޭނީ ޗައިނާ އާއި ރާއްޖޭގެ މެޗެވެ. އަދި ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހު ފިިލިޕީންސާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ލައިވް ކުރާގޮތަށް ބާ މެޗު ކުޅޭގަޑިގަ ސާފުކޮށްލާދިނުން އެދެން