މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން މިވަގުތަކީ މައްސަލަ ތަހުގީގް ކުރުމަށް ކުރަންޖެހޭ މަސައްކަތް ނުކޮށް، މައްސަލައިން ބަރީއަތްވާންވީ ވަގުތު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ރައީސް ނަޝީދަކީ ސަލާމަތީ ބާރުތަކުން ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭ ބޭފުޅެއްކަމަށްވާއިރު، އެމަނިކުފާނަށް އަމާޒުކޮށް އެވަރުގެ ހަމަލާއެއް ދެވުނު ގޮތުގެ ތަހުގީގެއް ކުރަންޖެހޭކަމަށެވެ. ރައީސް ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން ތަހުގީގް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މިއަދު ފެނިގެންދަނީ އެހެން ދިމާލަކަށް ފޯކަސް ގެންދެވޭ މަންޒަރުކަމަށެވެ.
ހަސަން ވިދާޅުވީ މިއީ ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި އިދާރާތަކުންވެސް މިމައްސަލަ ނުބަލައި ބަހަނާ ދެއްކުމުގެ ބަދަލުގައި، މައްސަލަ ރަނގަޅަށް ތަހުގީގް ކުރަންޖެހޭ ވަގުތުކަމަށެވެ. ނަމަވެސް ފެނިގެންދަނީ މައްސަލައިން ބަރީއަވާން ވެގެން މަސައްކަތް ކުރައްވާތަންކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން މީޑިޔާތަކަށް މައުލޫމާތު ދެއްވައި ރައީސް ނަޝީދާއި، އެމަނިކުފާނުގެ އާއިލާއަށް ނުރައްކާވާގޮތަށް މިދަނޑިވަޅުގައި ކަންކަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.
މިވަގުތު ކުރަންވީ ކަމަކީ މިމައްސަލަ އަވަހަށް ބެލުން. 6 މެއިން 2021 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ހަމަލާދީ، އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތަހުގީގް އަވަހަށް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ކުރަންވީ މަސައްކަތް. އެއީ މިވަގުތު ކުރަންވީ ކަމަކީ. މިފަދަ މުހިންމު މައުލޫމާތު ބޭރުވާ މައްސަލަ ތަހުގީގް ކުރަންވީ އަވަހަށް. މިއީކީ ވަގުތެއްނޫން، މިކަމުން ބަރީއަ ވުމަށްޓަކައި، މިކަމުން އެކަހެރި ވުމަށްޓަކައި، މިކަން އެހެންފަރާތެއްގެ އިސްތަށި ފުޅުގައި، އެޅުވުމަށްޓަކައި މަސައްކަތް ކުރުމަށް. މިއީކީ އެވަގުތެއްނޫން. މިވަގުތު ރަނގަޅަށް މިކަން ތަހުގީގް ކުރެވި، މިކަން ބެލޭނެ ގޮތެއް ސަރުކާރުން ހޯދުން އެއީ އެންމެ މުހިންމު ކަމަކީ.
– ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިވަގުތަކީ މިހާރު ނޫހަށް ސިފައިންގޭ ތެރެއިން މައުލޫމާތު ދިން ގޮތާއި އެކަންވެސް ތަހުގީގު ކުރަންޖެހޭ ވަގުތުކަމަށެވެ. އަދި މިއީ މިހާރު ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް ބެލެންޖެހޭ މައްސަލައެއްކަމަށް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާގެ ކަންކަން ނުބެލި ލަސްވެ، މައްސަލަ ތަހުގީގް ނުކުރެވި ދާކަމީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށް ހަސަން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މިއަދާއި ހަމައަށްވެސް މީޑިޔާގައި ނަން ހާމަނުކޮށް ލިޔެފައިވާ މައުލޫމާތުތަކާއި ގުޅިގެން އެމްއެންޑީއެފްއިން އެއްވެސް އެއްޗެއް ވިދާޅުވުނުވާކަމީވެސް ނުހަނު ކަންބޮޑުވާ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ