ބޮޑުގޭގެ ޕާރކިން ޒޯން ފާރުގައި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް ކުރެހުމަށް ހުޅުވާލައިފި

ބޮޑުގޭގެ ޕާރކިން ޒޯން ފާރުގައި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް ކުރެހުމަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
31 މެއި 2021 09:36
0

މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ހެދި ޕާކިން ޒޯނުގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ފަރާތުން މާފަންނު ބޮޑުގޭގައި ހެދި ޕާރކިން ޒޯންގެ ފާރުގައި ރާއްޖޭގެ ރީތި މަންޒަރުތަކާއި، އިސްލާމީ ޝިއާރުތައް ހިމެނޭގޮތަށް އެތަނުގެ ފާރުގައި ކުރެހުމުގެ މަސައްކަތް ހުޅުވާލާފައިވަނީ އަމިއްލަ ތަކެތީގައި ކޮށްދޭގޮތަށެވެ.

މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވާއިރު، ބީލަން ހަމަވާނެ އެންމެ ފަހު ތާރީހަކީ މިފެށޭ ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. އަދި ބީލަން ހުޅުވުން  އޮންނާނީ 04 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބޮޑުގޭގައި ހަދާ ޕާކިން ޒޯނުގައި ގާ އެތުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިމަސައްކަތް މިހާއަވަހަށް ނިންމުމަށް ސިޓީ ކައުންސިލްގެ މުވައްޒިފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މާފަންނުގައި ހުންނަ ބޮޑުގޭގެ އުތުރުކޮޅުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޕާކިން ޒޯން ހެދުމަށް ބިންގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމިފައެވެ. މިމަސައްކަތް ކުރަނީ މިސްކިތް ބޭނުންކުރުމަށް އެއްވެސް ދަތިކަމެއް ނުވާ ގޮތަށެވެ. މާލޭގައި ހުސްކޮށް ހުރި ޖާގަތައް ބަލަމުންދާ ކަމަށާއި އެފަދަ ތަންތަން އާންމުންނަށް ބޭނުންކުރެވޭނެ ރަނގަޅު ގޮތަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.