މާލޭ ސިޓީ ކައުންސިލުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި، ސިޓީ ކައުންސިލް މިހާރު އޮތް ހާލަތު ދެނެގަތުމަށް މެނޭޖްމަންޓް އޮޑިޓެއް ހަދުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައިވާއިރު، ބީލަން ހަމަވާނެ އެންމެ ފަހު ތާރީހަކީ މިފެށޭ ޖޫން މަހުގެ 20 ވަނަ ދުވަހުގެ 14:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 04 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ބީލަން ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލާއި މިހާރު އޮތް ކައުންސިލުން ހަވާލުވެފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. މަޤާމާއި ހަވާލުވިފަހުން މާލެ ސިޓީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކޮންމެ ދުވަހަކުވެސް ގިނަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ސިޓީ ކައުންސިލުން މިހާރު ކުރައްވާ މަސައްކަތްތައް ގިނަބަޔަކު ދަނީ ފާހަގަކޮށް، ސިޓީ ކައުންސިލްގެ މޭޔަރަށް ތައުރީފް ކުރަމުންނެވެ.
ސިޓީ ކައުންސިލްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ، މަސައްކަތްތައް ރަނގަޅަށް ފެށިގެން ގެންދިއުމަށްޓަކައި، ކައުންސިލްގެ ހާލަތު ދެނެގަތުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައި ގަންނަވާކަމަށެވެ. އެގޮތުން ސިޓީ ކައުންސިލްގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި، މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަން ކުރުމަށް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ