ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި

ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް އައްޑޫއިން ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 06:00
0

ޓެރަރިޒަމަށް ވާގަވެރިވާ ބައެއްކަމަށްބުނެ މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީން ހައްޔަރުކުރި 9 މީހުންގެ ތެރެއިން އިތުރު 5 މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މީގެ ކުރިންވެސް ވަނީ އެކަކު ބަންދުން ދޫކޮށްލާފައެވެ.

މި 6 މީހުން ދޫކޮށްލި ނަމަވެސް މިމީހުންނާއި ގުޅިގެން ފުލުހުން ހިންގާ ތަހުގީގް ކުރިއަށް ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަހުގެ 6 ވަނަދުވަހުގެ ރޭ އެއްޗެއް ގޮއްވާލާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުގައި އަންނަނީ ހަތިޔާރާއި އެކު ހަރަކާތްތެރިވަމުންނެވެ. މި އޮޕރޭޝަންގެ ތެރެއިން ސަލާމަތީ ބާރުތަކުން ވަނީ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފައެވެ. މި މީހުންނާއި ބެހޭ ތަފްސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ.

ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަމަށެވެ. އަދި މި މީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށެވެ.

ބަޝީރު ވިދާޅުވީ ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން ސަލާމަތީ ބާރުތައް ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަކަމަށެވެ. މިގޮތުން އައްޑޫ ސިޓީއާއި މާލޭ ސަރަހައްދުގައި މި އޮޕަރޭޝަންތައް ހިންގާފައިވާކަން ބަޝީރު ފާހަގަކުރެއްވިއެވެ. އަދި މި އޮޕަރޭޝަންތަކުގައި 5 ގެއެއް ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެހެންނަމަވެސް އަތުލައިގެން ތަކެތީގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުހިމެނޭކަމަށް ބަޝީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.