އެލްޖީއޭ ބޯޑަށް ކައުންސިލަރުން އިންތިޙާބުކުރުން: އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ހުޅުވާލައިފި

އެލްޖީއޭ ބޯޑަށް ކައުންސިލަރުން އިންތިޙާބުކުރުން: އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 05:27
0

ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެލް.ޖީ.އޭ) ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޙާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 މަންދޫބަކު އައްޔަން ކުރެވިދާނެކަމަށް އިލެކްޝަނުން ބުނެއެވެ. މޮނިޓަރުންނަށް ހަރަކާތްތެރިވާ ނޫސް މަޖައްލާތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުތަކުގައި ކޮންމެ އިދާރާތަކުން 2 މީހަކަށް ހަރަކާތްތެރި ވެވިދާނެކަމަށެވެ.

މީގެ އިތުރުން އޮބްޒާވްކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ 09:00 ން ފެށިގެން، ޖޫން މަހުގެ ފުރަމަތަ ދުވަހުގެ 14:00 ހަމައަށް ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ސިޓީއާއި ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި [email protected] މެއިލްއަށް އީމެއިލް ކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.