"މިހާރު" ނޫހުގައި، "ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" މި ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓެއްގެ މަސްދަރު ކޮމިޓީން ހޯދަން މަސައްކަތް ކޮށްފާނެތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ބަލާ މައްސަލައިގައި ތެރޭގައި "މިހާރު" ރޫޙާއި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ހިމެނޭތޯ، ސާފުކުރަން އެމްޖޭއޭއިން މަސައްކަތްކުރަމުން ދާކަމަށް ވަނީ ބުނެފައެވެ. ކޮމިޓީއިން މައްސަލަ ބަލާ ބެލުމުގައި، "މިހާރު" ނޫހާއި އެނޫހުގައި އެ ރިޕޯޓް ލިޔުނު ނޫސްވެރިޔާގެ މައްސަލަ ނުވަތަ އެމައުލޫމާތު ދިން މަސްދަރު ހޯދަން މަސައްކަތް ކޮށްފާނެތީ ކަންބޮޑުވާކަމެއްކަމަށް ވަނީ ބުނެފައެވެ.
މީޑިއާއެއް ނުވަތަ ނޫސްވެރިއެއް ނުވަތަ ނޫސްވެރިޔަކު ބޭނުންކުރި މަސްދަރެއްގެ މައްސަލަ މިގޮތަށް ބެލުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރާކަމަށްވެސް ވަނީ ބުނެފައެވެ.
ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ، ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ސިއްރުކުރުމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ