ރާއްޖޭގެ ޤައުމީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަލީ އަޝްފާގު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަން އަޝްފާގު ބުނީ މިއަދު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ކޮށްފައިވާ ޕޯސްޓެއްގައެވެ. ގައުމީ ޓީމާއެކު ދުބާއީގައި ޓްރެއިނިން ހަދަމުން އައި އަޝްފާގު ބުނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅު ކަމަށެވެ. އޭއެފްސީ ކޮލިފައިންގެ އެއްވެސް މެޗެއްގައި ދޭން އޭނާއަށް ނުކުޅެވޭނެތީވެ އަޝްފާގު ވަނީ ގައުމީ ޓީމަށް ކާމިޔާބަށް އެދިފައެވެ. އަޝްފާގުގެ އިތުރުން ޑިފެންޑަރ އަލީ ޝާމިސްވެސްވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
އަލީ އަޝްފާގު އަދި އަލީ ޝާމިސްއަށް ކުރިއަށް އޮތް ކޮލިފައިން 3 މެޗުގައިވެސް ނުކުޅެވޭނެއެވެ. މި ދެ ކުޅުންތެރިން ވަނީ މިހާރު ޓީމާއި ވަގުތީގޮތުން ވަކިވެ އެކަހެރިވެފައެވެ. ގައުމީ ޓީމް ޗައިނާއަށް ފުރުމުގެ ކުރިން މާލޭގައިވަނީ ހޮޓެލް ޖެންގައި ކޭންޕް ކޮށްފައެވެ. އަދި މިކޭންޕް ކުރަމުންދަނިކޮށް އަލީ އަޝްގާފް ވަނީ އޭނާގެ އަންހެނުން ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޭންޕް ދޫކޮށްލާފައެވެ. އަދި ފަހުން ކޭންޕްއާއި އަޝްފާގް ގުޅިގައިވަނީ ޓެސްޓް ހެދުމަށްފަހު، އެޓެސްޓް ނެޖެޓިވްވުމުންނެވެ.
ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ވަނީ ކޯވިޑް-19ގެ ހިޔަނިއެޅިފައެވެ. މިގޮތުން މިފަހަރު ޓީމަށް ނެގި މުހިންމު ބައެއް ކުޅުންތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވުމުގެ ސަބަބުން ޓީމާ ބައިވެރިވެވޭ ގޮތެއް ނުވިއެވެ.
އޭއެފްސީ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އޭގެފަހުން ޖޫން މަހުގެ ހަތްވަނަ ދުވަހު ގައުމީ ޓީމު ނިކުންނާނީ ސީރިއާއާ ދެކޮޅަށެވެ. އަދި ޖޫން މަހުގެ 15 ދުވަހު ގައުމީ ޓީމު ނިކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ