ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް އެޗްއާރުސީއެމްއިން މަރުޙަބާ ކިޔައިފި

ޚިދުމަތްތައް ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް އެޗްއާރުސީއެމްއިން މަރުޙަބާ ކިޔައިފި

Author
މުޙައްމަދު ޝަޒައިމް
30 މެއި 2021 11:32
0

ހުޅުމާލޭ ފެސިލިޓީގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތަށް އެޗްއާރުސީއެމްއިން މަރުޙަބާ ކިފައިފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް (އެޗްއާރުސީއެމް)އިން ފާހަގަކުރި ކަންކަން ރަނގަޅު ކުރުމަށް ސަރުކާރާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކުން ކުރަމުންނެވެ. ކޮމިޝަނުން ފާހަގަކުރި ކަންކަން ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެޗްއާރުސީއެމްއިން މިމަސައްކަތް ބާރު ސްޕީޑެއްގައި ކުރާތީ އުފާކުރައްވާކަމަށެވެ.

އެޗްއާރުސީއެމްގެ ދައުރަކީ މޮނިޓާ ކުރުމަށްފަހު ފާހަގަވާ ކަންތައް ގުޅުންހުރި މުއައްސަސާ ތަކާއި ހާއްސަކޮށް ހައްގު ހަށަވަރުކޮށް ދިނުން. ހުޅުމާލޭ ފެސިލިޓީއަށް އެޗްއާރުސީއެމް އިން ކުރި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުުރެއްވުމަށް ކަމާއިބެހޭ ފަރާތްތަކުން ކުރައްވާ މަސައްކަތަށް ކޮމިޝަނުން މަރުހަބާ ކިޔަން.

– އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލީޓީގައި އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އެތަނުގައި މަސައްކަތް ކުރީ 19 ޑޮކްޓަރުންނެވެ. އެހެންނަމަވެސް މިހާރު އެތަނުގައި 34 ޑޮކްޓާރުންނާއި 116 ނަރުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަނުގައި މަސައްކަތް ކުރާ ނަރުހުންގެ މަސައްކަތްތައް ބަހާލާފައިވަނީ އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް އިސްކަންދީގެންކަން އެ ފެސިލިޓީ ހިންގުމާ ހަވާލުވެ ހުންނެވި މާރިޔާ ސައީދު ވަނީ ވިދާޅުވެފައެވެ.

އެޗްއާރުސީއެމްއިން ފެސިލީޓީގައި ހުރި މައްސަލަތަކާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ފެސިލިޓީ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ފޮނުވާފައިތިބޭ މުވައްޒަފުން އެއްވެސް ބަންދެއް ނުލިބި 12 ގަޑިއިރު މަސައްކަތްކުރުވާކަމާ އަދި މިހާގިނައިރު މަސައްކަތްކުރުވާއިރު މުވައްޒަފުންނަށް މުސާރަވެސް ނުދިނުމުގެ މައްސަލަތަކެއްވެސް ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް އެ މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަންވެސް އެޗްއާރުސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އެޗްއާރުސީއެމް އިން ބުނީ ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ޑައެޓީޝަނެއްގެ ލަފާގެމަތިން އެ މީހެއްގެ ބައްޔާގުޅޭގޮތުން ކެއުން ފޯރުކޮށްދޭކަމާއި، ކޮންމެ ގަޑިއަކަށް ކެއުން އޯޑަރ ކުރާއިރު، އެވަގުތެއްގައި ފެސިލިޓީގައި ތިބި ބަލިމީހުންގެ ބޭނުންތަކަށް ބެލުމަށްފަހު އެ އަދަދަށް އޯޑަރ ކުރިކަމުގައިވިޔަސް، މިފަދަ ތަނަކުން ފަރުވާ ހޯދަމުންދާ ބަލިމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ބަލިމީހުންގެ ޙާލަތަށް ރިޢާޔަތްކުރާއިރު، އެންމެ އެކަށީގެންވާ ކެއުމެއްނޫންކަން ފާހަގަކުރެވިފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.