ސިފައިންގެ ފެއިލްވެއްޖެ ނަމަ މަޤާމުން ދުރުކުރަންޖެހޭ ތަރުތީބު އެމްޑީޕީގެ އާންމެ މެމްބަރުންނަށާއި، އެޕާޓީއަށް ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ހިއްސާ ކުރައްވައްވައިފިއެވެ.
ރައީސް މުހައްމަދު ނަޝީދަށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ދީފައިވާ ޓެރެރިސްޓް ހަމަލާއާއި ގުޅިގެން ސިފައިންނަށް އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ފާޑުކިޔަމުންނެވެ. އަދި އިއްޔެ ވަނީ ސިފައިންގެ އެސްޕީޖީގެ ކޮމާންޑަރުންގެ ގޮތުގައި މިހާރު ތިއްބެވި ކޮމާންޑަރުން ބަދަލު ކުރައްވާފައެވެ. މިހަމަލާއަށްފަހު ސިފައިންނަށް ބޮޑެތި ފާޑުކިޔުން އަމާޒުވެ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ މުއައްސަސާ ފެއިލްވެފައިވާކަމަށްވެސް އެމްޑީޕީގެ ބައެއް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އެމްޑީޕީގެ އިސްބޭފުޅުން ހިމެނޭހެން ސިފައިންނަށް އަމާޒުކޮސް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ އެއްވެސް ހާލެއްގައި ސިފައިންގެ މުޅި މުއައްސަސާގެ އަގުވެއްޓޭހެން ފާޑުކިޔައި ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. މުއައްސަސާއެއް ގޯސްވާނަމަ ގޯސްވާނީ އެތަން ހިންގަންތިބޭ ވެރިންނަށް އެކަމެއް ކުރަންޖެހޭ ގޮތަކަށް ނުކުރެވުމުންކަމަށް މަލީހު ވިދާޅުވިއެވެ.
ސިފައިންގެ މުއައްސަސާއާއި، ދައުލަތުގެ އިސްމަޤާމުތައް މިއަދުވެސް ހިންގަންތިބީ އެމްޑީޕީގެ ބޭފުޅުންނަށްވާއިރު، ފެއިލްވެއްޖެނަމަ މަޤާމުތަކުން ދުރުކުރަންވީ އެބޭފުޅުންކަމަށް މަލީހު ވިދާޅުވިއެވެ. އެގޮތުން ރައީސް ޞާލިހާއި، ޑިފެންސް މިނިސްޓަރ މަރިޔާ ދީދީއާއި، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އިތުރުން ވައިސް ޗީފް އަބްދުއްރަހީމް އަބްދުއްލަތީފް މަޤާމުތަކުން ވަކިކުރުން މާ އައުލާކަން ބޮޑުކަމަށް މަލީހު ވިދާޅުވިއެވެ.
އެމްޑީޕީގެ މަތިފަޑިން ކެންޑިނޭޅި ދިވެހި ލޮބުވެތި ސިފައިންނާއި ސިފައިންގެ މުވައްސަސާއަށް ކިޔާ ފާޑުކިޔުން ހުއްޓަލަންޖެހޭ. ތިބޭފުޅުންނޭ މިތަންތަން ހިންގަނީ. ތިބޭފުޅުންގެ ނަޒަރުގައި ސިފައިންގެ ފެއިލްވެއްޖެ ނަމަ މަޤާމުން ދުރުކުރަންޖެހޭ ތަރުތީބު މިއޮތީ. ބޭކާރު ވާހަކަ ގިނަނުކުރައްވާ.
– މަލީހު ވިދާޅުވިއެވެ.
އެމްޑީޕީގެ މަތިފަޑިން ކެންޑިނޭޅި ދިވެހި ލޮބުވެތި ސިފައިންނާއި ސިފައިންގެ މުވައްސަސާއަަށް ކިޔާ ފާޑުކިޔުން ހުއްޓަލަންޖެހޭ. ތިބޭފުޅުންނޭ މިތަންތަން ހިންގަނީ. ތިބޭފުޅުންގެ ނަޒަރުގައި ސިފައިންގެ ފެއިލްވެއްޖެ ނަމަ މަޤާމުން ދުރުކުރަންޖެހޭ ތަރުތީބު މިއޮތީ. ބޭކާރު ވާހަކަ ގިނަނުކުރައްވާ. pic.twitter.com/OEezPq4sot
— Mohamed Maleeh Jamal (@maleehjamal) May 29, 2021
ރައީސް ނަޝީދަށް ދެވުނު ހަމަލާއަށްފަހު އެމްޑީޕީގެ ބައެއް ބޭފުޅުންވަނީ މިނިސްޓަރ މާރިޔާއާއި، ޖީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިސްތިއުފާއަށްވެސް ގޮވާފައެވެ. އިއްޔެ ސިފައިންގެ އެސްޕީޖީއަށް ކުއްލި ގޮތަކަށް ގެންނަވާފައިވާ ބަދަލުތަކުގެ ތެރޭގައި، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ ލެފްޓިނެންޓް ކާނަލް މުއިއްޒު މުސްތަފާއެވެ. އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް އައްޔަން ކުރައްވާފައިވަނީ މޭޖަރ މޫސާ ރަމީޒު އެވެ. މީގެ އިތުރުން އެސްޕީޖީގެ ފަސްޓް ސާޖަންޓުގެ ގޮތުގައި އަބްދުﷲ ޖަމީލް ވަނީ ހަމަޖައްސަވާފައެވެ.
ކޮމެންޓު ފޮނުވާ