ސަރުކާރުގެ ނިންމެވުމައިއެކު އެކުންފުނިން ފޯރުކޮށްދޭ ކަރަންޓާއި، ފެނުގެ ޚިދުމަތަށް މިމަހުގެ ބިލްކުރާއިރު ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަމަށް ސްޓެލްކޯއިން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިވަނީ މިމަހުގެ ފަންސަވީސް ވަނަ ދުވަހުއެވެ.
ސްޓެލްކޯއިން ވިދާޅުވީ ސަރުކާރުގެ ނިންމެވުމާއި އެއްގޮތަށް އެކުންފުނީގެ ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ޑިސްކައުންޓު ހިމެނިގެންދާނެ ކަމަށެވެ. އެގޮތުން ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ %40 އަދި ފެނަށް ދައްކަންޖެހޭ އަދަދުގެ %30 ކުޑަކޮށް، އާންމު ވިޔަފާރިތަކުން ބޭނުންކުރާ ފެނާއި ކަރަންޓަށް ދައްކަންޖެހޭ އަދަދުގެ %20 ކުޑަވާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން އިއުލާން ކުރައްވާފައިވާ ގޮތަށް މިކުންފުނިން ކަރަންޓާއި، ފެނުގެ ހިދުމަތްދޭ ރަށްރަށުގެ މެއި މަހުގެ ޔޫސޭޖަށް ހަދާ ބިލްތަކުގައި ތިރީގައި މި ދަންނަވާ ގޮތައް ޑިސްކައުންޓު ހިމެނިގެންދާނެ ވާހަކަ އެންމެހާ ކަސްޓަމަރުންގެ މައުލޫމާތައްޓަކައި ދަންނަވަން. pic.twitter.com/Ya0Y0hi5WQ
— STELCO (@STELCOMALDIVES) May 29, 2021
މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމާއި ގުޅިގެން ފެނާއި ކަރަންޓުގެ ޚިދމަތްދޭ ކުންފުނިތަކުން ދަނީ މިމަހުގެ ބިލްތަކަށް ޑިސްކައުންޓު ދޭނެކަން ހާމަކުރަމުންނެވެ. އެގޮތުން ފެނަކައާއި، އެމްޑަބްލިއުއެސްސީންވެސް ވަނީ މިމަހުގެ ބިލްތަކަށް ޑިސްކައުންޓް ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ