ބޭރު ޤައުމުތަކަށް ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު ދީގެންނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މިދިޔަ އަންގާރަ ދުވަހު އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ، އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަކީ އެގައުމުގެ ނިންމުމެއް ކަމަށާއި، ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން އެއް ފަރާތުން އަނެއް ފަރާތަކަށް އެދޭ އެދުންތައް ފުރިހަމަކުރަން ދެކެވެން ޖެހޭ ވާހަކަތައް އެކަމުގައި ދެކެވޭނެކަމަށެވެ.
ރާއްޖޭގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ކުރާ މަސައްކަތާއި ދެކޮޅަށް ވަކާލާތު ކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ކޮންސިއުލެޓް އޮފީހެއް އަޅާނަމަ އެކަމެއް ނިންމާނީ ދިވެހި ދައުލަތުންކަމަށެވެ. އެކަމަށް ބަސްކިޔުމުގެ ބާރު ބޭރުގެ އެއްވެސް ޤައުމަކަށް ލިބިގެން ނުވާކަމަށް އޭނާ ިވިދާޅުވިއެވެ.
ރާއްޖޭގައި ކޮންޒިއުލޭޓް އޮފީސް އެޅޭނެ ރަށްރަށާއި ތަންތަން ކަނޑައަޅަންވާނީ ދިވެހި ދައުލަތުން. މޮންގޯލް މީހުން ސެލްޖުކް ދައުލަތް ހިންގިގޮތަށް ބޭރު ގައުމަކުން ދިވެހި ދައުލަތުގެ ކަންތައްތައް ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދީގެން ނުވާނެ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ވަނީ ނިންމާފައެވެ. ނަމަވެސް ރައީސް ވިދާޅުވެފައިވަނީ އައްޑޫގައި އިންޑިއާގެ ކުންސިއުލޭޓެއް ޤާއިމްކުރުމާމެދު އަދި ދިވެހި ސަރުކާރުން ގޮތެއް ނިންމާފައި ނުވާކަމަށެވެ. ރައީސް ވިދާޅުވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުންނަ އިރު، އެ ގައުމުގެ ޓްރިވެންޑްރަމްގައި ރާއްޖޭގެ ކޮންސިއުލޭޭޓެއް ހުންނަ ކަމަށާއި، އެހެންކަމުން އިންޑިއާގެ ނިންމުމާ ދޭތެރޭވެސް ވިސްނަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ