ވެންޓިލޭޓަރުގައި 10 މީހަކަށް ފަރުވާދެނީ، 7 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް

ވެންޓިލޭޓަރުގައި 10 މީހަކަށް ފަރުވާދެނީ، 7 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް

Author
މުޙައްމަދު ޝަޒައިމް
29 މެއި 2021 07:59
0

ކޯވިޑް-19 ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ 7 އަހަރުގެ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިއޮމޮލަޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކޯވިޑް ޖެހިފައިވާ 7 އަހަރުގެ ކުއްޖެއްގެ ހާލަތު އިތުރަށް ގޯސްވެގެން މިހާރުވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައިކަމަށެވެ. އެކުއްޖާގެ ހާލަތަށް އިތުރު ބަދަލެއް އަދި ނާންނަ ކަމަށާއި، އެހެން ކަމުން އަދިވެސް ފަރުވާދެމުންދަނީ ހާލަތު ސީރިއަސް އަދި ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައިކަމަށެވެ.

ކޯވިޑް-19 ބަލީގައި 252 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު މިހާރުވެސް 10 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ކޯވިޑް ޖެހިގެން 24،000އަށްވުރެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނައިރު، މީގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެނީ 252 މީހުންނަށެވެ. އަދި އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ގެންދާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 160 މީހުން އެޑްމިޓްކޮށްފައިވާއިރު، އެތަނުގެ އައިސީޔޫގައި 9 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން 4 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި އައިސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މީހުންނަށް ފަރުވާދެމުންގެންދާ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދޭ 9 މީހުންގެ ތެރެއިން 6 މީހުންނަށް ފަރުވާދެނީވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.