ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދުގެ މައްސަލަ ބެލުމުގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެއްވެސް އިޖުރާއަތަކާއި ޚިލާފްވެފައި ނުވާނެކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ވިދާޅުވީ އިސްމާއިލް ރަޝީދާއި ގުޅިގެން ކޮމިޝަނުން ހިންގި ތަޙްޤީޤު ހިންގުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ފުރުޞަތެއް ޤާޟީ އިސްމާޢީލް ރަޝީދަށް ދީފައިވާނެކަމަށެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދާއި ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް ފަނޑިޔާރުކަމުން އޭނާވަނީ މިމަހުގެ 25 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާދެއްވައި އޭނާ ވިދާޅުވީ ކޮމިޝަނުން އޭނާއަށް ޖަވާބުދާރީވާންވެސް ފުރުސަތު ދީފައި ނުވާކަމަށެވެ.
ނަމަވެސް މިމައްސަލައިގެ ތަހުގީގް ކުރެވުނު ގޮތުގެ ތަފްސީލް ހާމަކޮށްދެއްވައި ޖޭއެސްސީން ވިދާޅުވީ މި މައްސަލައާ ގުޅިގެން 2020 ޖުލައި 18 ވަނަ ދުވަހު އިސްމާޢީލް ރަޝީދު މި ކޮމިޝަނަށް ޙާޟިރުކޮށް ތަޙުޤީޤަށް ބަޔާން ނަގާފައިވާކަމަށެވެ. އަދި އޭނާ ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބޭނުންވުމުން ތަޙުޤީޤު ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ވަކީލާއެކުގައި ކަމަށެވެ.
ޖޭއެސްސީން ކުރި ތަހުގީގް ނިންމުމަށްފަހު ރިޕޯޓް އޭނާއަށް މިއަހަރު ފެބްރުއަރީ މަހު ފޮނުވައި، ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިޔުމުން ފޮނުވުމަށް ދަންނަވާފައިވާކަމަށެވެ. ނަމަވެސް ޤާޟީ އިސްމާއިލް ރަޝީދަށް ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ޖަވާބު ނުދެއްވައި، ބޭނުންވަނީ ތަޙުޤީޤަސް ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް އަވަށް މައްސަލަ ނިންމާލަ ދިނުމަށްކަމުގައި ދަންނަވާފައިވާކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ މިމައްސަލަ ބެލުމުގައި ޤާޟީ އިސްމާޢީލް ރަޝީދާ ގުޅިގެން ހިންގި ތަޙްޤީޤު ހިންގުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ފުރުޞަތެއް އަލްއުސްތާޛު އިސްމާޢީލް ރަޝީދަށް ދީފައިވާކަމަށެވެ. އަދި ކޮމިޝަނުން ހިންގާ ތަޙްޤީޤުތައް ހިންގާއިރު، ޖަވާބުދާރީވުމަށް ފަނޑިޔާރަކަށް ލިބިގެންވާ އެއްވެސް ފުރުޞަތަކަށް ނުވަތަ ޙައްޤަކަށް އުނިކަން ލިބޭ ގޮތަށް ކޮމިޝަނުން ޢަމަލުނުކުރާނެކަމުގެ ޔަޤީންކަން ޖޭއެސްސީން ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ