މަޅިއެއްގައި ޖެހުނީމަ ނެއްޓެން ތެޅިގަނެއްޖެނަމަ އިތުރު މަޅިއެއްގައި ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ޖަރުމަނުގައި ހުންނަވައި ރައީސް ނަޝީދުގެ އެލެކްސް އެކައުންޓުން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މަޅިއެއްގައި ޖެހުނީމަ ނެއްޓެން ތެޅިގަނެއްޖެނަމަ އިތުރު މަޅިއެއްގައި ޖެހޭނެކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ މަޅިއެއްގައި ޖެހުމުން އޭގައި ނެއްޓެން ފަހުން އުޅުންކަމަށެވެ. ބުއްދި ވެރިގޮތަކީ މަޅިއެއްގައި ބެދުމުން މަޑުމަޑުން އިނުންކަމަށް ނަޝީދު ވިދާޅުވިއެވެ.
މަޅިއެއްގައި ޖެހުނީމަ ނެއްޓެން ތެޅިގަނެއްޖެނަމަ އިތުރު މަޅިއެއްގައި ޖެހޭނެ. ބުއްދިވެރި ގޮތަކީ މަޑުމަޑުން އިނުން. މަޅިން ނެއްޓޭން އުޅޭނީ ފަހުން.
– އެލެކްސް ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ކޮން ބޭފުޅަކާއި ދިމާލަށްކަން ސާފުނުވި ނަމަވެސް މިއީ އެމަނިކުފާނަށް ދެވުނު ހަމަލާއާއި ގުޅިގެން އެކި ބޭފުޅުން ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓްވީޓެއްކަމަށް ބެލެއެވެ. އެމަނިކުފާނުގެ ހަމަލާއާއި ގުޅިގެން އިއްޔެ މީޑިއާއެއްގައި ލިޔެފައިވާ ލިޔުމަކީވެސް އެއްވެސް ހަގީގަތެއްނެތް ލިޔުމެއްކަމަށް އެމްޑީޕީންވެސް ވަނީ ބުނެފައެވެ. އަދި މިއީ އެމަނިކުފާނުގެ ހަމަލާގެ މައުލޫމާތުގެ ހަގީގަތް އޮޅުވާލުމަށް ކުރާ ކަމެއްކަމަށެވެ.
މިމަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނުކުމުވަޑައިގެން ނީލޯފަރު ހިނގުމުން މަޖީދީމަގާވީކޮޅަށް ހިނގަވާފައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލުމާ ގުޅިގެންވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
މިއަނިޔާތަކާއި ގުޅިގެން 16 ގަޑިއިރުގެ ނުރައްކާތެރި އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލުގައި ވަނީކޮށްފައެވެ. ގޮއްވާލި ބޮމުން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށާއި، އެ އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އޭޑީކޭ ހޮސްޕިޓަލުން ގިނަ ސާޖަރީތަކެއް ހައްދަވައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް އެމަނިކުފާނު ޖަރުމަން ވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13ވަނަ ދުވަހުގައެވެ. ޖަރުމަންވިލާތުގެ ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވަނީ ޖަރުމަންވިލާތުގެ ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ހާމަކުރައްވައިފިއެވެ.
ކޮމެންޓު ފޮނުވާ