ވޮލެންޓިއަރުގެ ގޮތުގައި މަސައްކަތް ކުރުމަށް 1،000 އަށްވުރެ ގިނަ މީހުން

ވޮލެންޓިއަރުގެ ގޮތުގައި މަސައްކަތް ކުރުމަށް 1،000 އަށްވުރެ ގިނަ މީހުން

Author
މުޙައްމަދު ޝަޒައިމް
28 މެއި 2021 10:45
0

ކޯވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ އާންމުންގެ އެހީތެރިކަމަށް ހުޅުވާލި ފުރުސަތުގައި އެހީތެރިވުމަށް، ވޮލެންޓިއަރުންގެ ގޮތުގައި 1،000 އަށްވުރެ ގިނަ މީހުން ކުރިމަތި ލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވޮލެންޓިއަރުންނަށް އެދި ހުޅުވާލި ފުރުސަތުގައި މިހާތަނަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އަދި މިހާރު މި ފޯމްތައް އެންޓަކޮށް، މީހުންނަށް ގުުޅުުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެޗްޕީއޭއިން ބުނެފައިވަނީ މިހާރު ފޯމްތައް ބަލައިގަތުން މެދު ކަނޑާލާފައިވާކަމަށެވެ. ކޯވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ ޕޮޒިޓިވްވާ މީހުންނާއި، މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއި ގުޅިގެން ސަރުކާރުން ވޮލެންޓިއަރުންގެ އެހީއަށް އެދިފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

އެޗްޕީއޭއިން ވަނީ މިހާ ގިނަ އަދަދެއްގެ ބަޔަކު މިފަދަ ހާލަތެއްގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅު ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ވޮލެންޓިއަރުންގެ ގޮތުގައި މިހާރު ވެސް ބައެއް މީހުން، އެތަނުގެ އެޗްޕީއޭގެ ކޯލް ސެންޓަރުގެ މަސައްކަތް ކުރެ އެވެ. އެތަނުގެ އިތުރުން ބަލި މީހުންނަށް އަޅާލުމަށް ކޮވިޑް ފެސިލިޓީތަކަށާއި ސާމްޕަލް ނެގުން ފަދަ ކަންކަމަށް ވެސް ވޮލެންޓިއަރުން ވަރަށް ބޮޑަށް ބޭނުންވެއެވެ.

ކޯވިޑް-19 ގެ ހާލަތު ގޯސްވެ ފަރުވާދޭ މީހުންގެ އަދަދު އިތުރުވެފައިވުމާއި ގުޅިގެން އެކަށީގެންވާ ފަރުވާނުދެވި ގިނަ ކަންބޮޑުވުންތަކެއް ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 61،844 އަށް އަރާފައެވެ. ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 24،818އަށް އަރާފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 155 މީހުންވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.