ހުޅުމާލޭ ފެސިލިޓީގައި ހުރި މައްސަލަތައް ހައްލުކޮށް، ވީހާވެސް އަވަހަކަށް ފެސިލިޓީގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ގޮވާލައިފިއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނާއި ގުޅިގެން އެމްއާރުއެމްއިން ބުނެފައިވަނީ އެބަޔާނުގައި ހުރީ ރައްޔިތުން ނުހަނު ކަންބޮޑުކުރުވަނިވި ކަންތައްތަކެއް ކަމަށެވެ. މިމައްސަލަތަކަކީ ރައްޔިތުންނާއި ނުހަނު ގުޅުންހުރި ކަމަކަށްވާއިރު، މިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
ހުޅުމާލެ ކޯވިޑް ފެސިލިޓީއާއި ގުޅޭގޮތުން އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ރައްޔިތުން ނުހަނު ކަންބޮޑުކުރުވަނިވި ކަންކަމެވެ. އެހެންކަމުން އެ ކަންކަން އަވަހަށް އިސްލާހުކޮށް ފެސިލިޓީގެ ކަންކަން ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ގޮވާލަން.
– އެމްއާރުއެމްއިން ކުރި ޓްވީޓުގައި ބުނެފައިވެއެވެ.
އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑް-19 އަށް ފަރުވާދޭ ހުޅުމާލެ މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް މީޑިއާ މެދުވެރިކޮށް އެކޮމިޝަނުގެ ސަމާލުކަމަށް އައުމާގުޅިގެން މިމަހުގެ 25 ވަނަ ދުވަހު އެ ފެސިލިޓީއަށް ޒިޔާރަތް ކޮށްފައިވާކަމަށެވެ. މި ޒިޔާރަތުގައި ފާހަގަކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ޕޮޒިޓިވްވާ މީހުން އެނދުމަތިކޮށްގެން ސިއްޙީގޮތުން ދޭންޖެހޭ ހުރިހާ ފަރުވާއެއް ދިނުމަށް ޤާއިމުކޮށްފައިވާ ތަނަކަށްވާއިރު ފެސިލިޓީން ފަރުވާ ހޯދަމުންދާ ބަލިމީހުންގެ ޢަދަދަށާއި، ބަލިމީހުންގެ ސިއްޙީ ޙާލަތަށް ބަލާއިރު ބަލިމީހުންނަށް ފަރުވާ ފޯރުކޮށްދިނުމަށް ތިބި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން މިފަދަ ފެސިލިޓީއެއްގައި ބަލިމީހުން އެނދުމަތިކޮށްގެން ދޭންޖެހޭ ފަރުވާ އެންމެ ފުރިހަމަގޮތުގައި ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ފެސިލިޓީގައި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރަނީ ނަރުހުންކަމަށްވާއިރު ޚިދުމަތްދިނުމުގައި ޙަރަކާތްތެރިވާ ނަރުހުން މަދުވުމުގެ ސަބަބުންނާއި، ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދެއްގެ ބަލިމީހުން އެނދުމަތިކުރުމުގެ މަސައްކަތް އެ މުވައްޒަފުން ކުރަމުންދާއިރު އެނދުމަތިކުރާ ބަލިމީހުންނަށާއި ބަލިމީހާގެ އެހީތެރިންނަށް ތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވަމުންދާކަންވެސް އެޗްއާރުސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.
އެޗްއާރުސީއެމް އިން ބުނީ، ފެސިލިޓީގައި މަސައްކަތްކުރާ މުވައްޒަފުން ނަފްސާނީގޮތުން އެތައްކަމެއް ތަޙައްމަލުކުރަންޖެހޭއިރު، އެ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްނުދެވޭކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށާއި، އެހެންކަމުން އެ އެހީތެރިކަން އެ މުވައްޒަފުންނަށް ފޯރުކޮށް ދިނުމަކީ މި ކޮމިޝަނުން ބާރު އަޅާ ކަމެއްކަމަށެވެ.
ކޮމެންޓު ފޮނުވާ